ކުޅިވަރު
ރެފްރީންގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދޭނެ މީހަކު ނެތް: ކޮލީނާ
ފީފާގެ ރެފްރީސް ޗީފް، އިޓަލީގެ ޕިއެރްލުއީޖީ ކޮލީނާ
ފީފާ ވޯލްޑް ކަޕްގައި އިންސާފުކުރަމުން އަންނަ ރެފްރީންގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް މީހަކު ނެތް ކަމަށް ފީފާގެ ރެފްރީސް ޗީފް، އިޓަލީގެ ޕިއެރްލުއީޖީ ކޮލީނާ ބުނެފި އެވެ.  

ފީފާގެ އޮފިޝަލް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ކޮލީނާ ވިދާޅުވީ، ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔުމަކީ ފުޓްބޯޅައިގެ ބައެއް ކަމުގައިވީ ނަމަވެސް، އެމީހުންގެ ނަޒާހަތްތެރިކަމާމެދު އަސާސެއް ނެތް ތުހުމަތުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނަށާއި އެމީހުންގެ އާއިލާތަކަށް ނުރައްކަލާއި އިންޒާރުތައް ކުރިމަތިވެދާނެ ކަމަށާއި، ފީފާގެ ރެފްރީކަމަށް އެއްވެސް ފަރާތަކުން، އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށްވެސް ނުފޫޒު ނުފޯރުވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ހަގީގަތަކީ، އެއްވެސް މީހަކަށް ފީފާގެ ރެފްރީންގެ ކަންކަމަށް ނުފޫޒެއް ނުފޯރުވޭނެ، ފީފާގެ ރައީސަށް ވެސް އެކަން ނުކުރެވޭނެ،" ކުރީގެ މަޝްހޫރު ރެފްރީ ބުންނެވެ.

ކޮލީނާ ބުނީ، ގަދަ 16 ބުރުގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، ރެފްރީ ލެޓެކްސިއާގެ ނިންމުންތައް ރަނގަޅު ކަމަށެވެ. އަދި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލާފައި ނިންމާފައި ހުރީ ވެސް ރަނގަޅަށް ކަމަށާއި މެޗުގެ ނަތީޖާ އަށް އަސަރުކުރިފަދަ ގޯސްތަކެއް ރެފްރީ ހަދާފައިވާ ކަމަށް އެ ބުނާ ވާހަކަތަކަށް ބާރުދޭނެ ކަމެއް ގަވާއިދުން ވެސް ފެންނަން ނެތް ކަމަށް ކޮލީނާ ވަނީ ފާހަގަކޮށްފަ އެވެ. 

ވޯލްޑް ކަޕް މެޗުތަކަށް ރެފްރީން ކަނޑައަޅަނީ އެކަމަށް ހާއްސަ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ އިސް ވެރިޔަކީ ކުރީގެ މަޝްހޫރު ރެފްރީ ޕިއެރްލުއިޖީ ކޮލީނާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު