ވިޔަފާރި
ޔޫތު އެންޓަޕްރަނަޝިޕް ފައިނޭންސިން ތައާރަފުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އާ އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" މިއަދު ތައާރަފުކޮށްފި އެވެ.

18 އަހަރާއި 30 އަހަރުގެ ފަރާތްތަކަށް، ވިޔަފާރިތައް ކުރިއެރުވުމުގެ މި ޕްރޮޑަކްޓް އިފްތިތާހުކޮށްފައިވަނީ މިއަދު ބޭއްވި ޔޫތް އެންޓަޕްރަނާޝިޕް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒެވެ.

އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ނެގޭ ގޮތަށް ހުޅުވާފައިވާ ފުރުސަތަށް ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ އެވެ.

އަހަރަކު ހަތް ޕަސެންޓުގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި، އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.

ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި މެންޓާޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލް ސީއީއޯ/މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ޒުވާނުންނަށް ތައާރަފުކުރި ފައިނޭންސިން ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގުމުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް." އޭނަ ވިދާޅުވި އެވެ.

މި ފައިނޭންސިންއަކީ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި ރާއްޖޭގެ އާ ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އިން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު