މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ މާލީ ހިސާބުތަކާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ހާމަކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެމްޓީސީސީ 30،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅަން ދިން މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކޮށްދިނުމުން ވެސް ރިޕޯޓު ހުށަނޭޅުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެ ކުންފުނި މިއަދު ޖޫރިމަނާކޮށްފި އެވެ. ސީއެމްޑީއޭގެ ގަވާއިދުތައް އޮންނަ ގޮތުން މާލީ އަހަރު ނިމޭތާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓު ހުށަހަޅަން ޕަބްލިކް ކުންފުނިތަކުގެ މައްޗަށް ލާޒިމެވެ. އަދި، ސީއެމްޑީއޭގެ ހުއްދަ ލިބިގެން ނޫނީ ކޮންމެ އަހަރެއްގެ އޭޕްރިލް 30، ގެ ކުރިން އަހަރީ ރިޕޯޓު ހުށަހަޅަން ޖެހެ އެވެ.ސީއެމްޑީއޭ އިން ނެރުނު ބަޔާނުގައިވާ ގޮތުގައި، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އެ ގަވައިދަށް އަމަލުނުކުރާ ނުވަތަ ހިލާފުވާ ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ސީއެމްޑީއޭއަށް އޮވެ އެވެ.
ސީއެމްޑީއޭއިން ބުނީ، މިދިޔަ އަހަރުގެ ފަހު ކުއާޓާ އާއި އެ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތައް ހުށަހަޅާފައިނުވާތީ 30،000ރ. ޖޫރިމަނާކޮށްފައިވާކަން އެމްޓީސީސީއަށް ވެސް އަންގާފައިވާ ކަމަށެވެ.އެމްޓީސީސީން މި ރިޕޯޓުތައް އާންމުނުކޮށް އުޅެނީ އެ ކުންފުނީގެ އޮޑިޓު ނުނިމޭތީ ކަމަށް ބުނެ އެވެ.ފާހަގަކުރެވޭ ގޮތުގައި، އެމްޓީސީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. އެހެންވެ، ކުންފުންޏާ ގުޅޭ މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރަންޖެހެ އެވެ.އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކުރާ ތާރީހު ފަހަނައަޅައި ދިޔައިރު، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން އިގްތިޞާދީ ބޭފުޅުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ އެތައް މަޝްރޫއެއް އެއްފަހަރާ އެ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އެ ކަންކަން ހިންގުމުގައާއި އެ ކަންކަމަށް ފައިސާ ހޯދުމުގައި ވެސް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ސިޔާސީ ވާދަވެރިން އަންނަނީ ފާޅުކުރަމުންނެވެ.