ޚަބަރު
ގާޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ދޭ ހަމަލާތައް ކުށްވެރިކޮށްފި
ފަލަސްތީނުގެ ޣައްޒާގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާޒާގައި އާންމު ރައްޔިތުންނަށާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށާއި އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ.

މި ހަމަލާތަކުގައި ކުށެއްނެތް އެތައް އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލެމުންދާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

އަދި ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި، ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަށް އިޒްރޭލަށް ގޮވާލާފައެވެ. ހަމަ އެހެންމެ އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ މިފަދަ އަމަލުތަކުގެ ސަބަބުން މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުންތަކަށް ނުރައްކާވަމުންދާކަމަށްވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އާންމުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމު އުމްރާނީ ވަސީލަތްތައް ފުރިހަމައަށް ރައްކާތެރި ކުރުމަށާއި އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުރަހެއް ނެތި އަވަހަށް ފޯރުކޮށްދިނުމަށް ރާއްޖެއިން ތަކުރާރުކޮށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާކަން ކަށަވަރު ކުރުމަށާއި ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ވަގުތަށް ސާބިތުކަމާ އެކު ފިޔަވަޅުތައް އެޅުމަށް ވެސް ރާއްޖެއިން ގޮވާލާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތްތަކަށާއި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ރާއްޖެއިން ސާބިތުކަމާ އެކު ދޭ އެހީތެރިކަމާއި އެއްބާރުލުން ދެމިއޮންނާނެ އެވެ. އަދި އޭގެ ތެރޭގައި 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ދޭންޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު