ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން %25އާ ހަމައަށް ފައިދާ ލިބޭ ގޮތަށް ތައާރަފްކުރި ސްކީމްގެ އިންވެސްޓްމަންޓާއި ފައިދާ ވެސް ޑޮލަރުން ދޭ ގޮތަށް އެ ބޭންކުން މިއަދު ބަދަލުކޮށްފި އެވެ.
ޑޮލަރު މާރުކުރެވޭ ގޮތަށް އިންވެސްޓްމެންޓްސްގެ ނަމުގައި ފޯޓަލެއް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 30 ގަ އެވެ.
ބީއެމްއެލް އިން މިއަދު ބުނީ، އަލަށް ގެނައި ބަދަލާ އެކު، އިންވެސްޓްކުރާ އަދަދާއި ފައިދާ ވެސް އެ ދުވަހު ޑޮލަރުން ކަސްޓަމަރަށް ލިބޭނެ ކަމަށެވެ. އެކަމަކު އޭގެ އަނެއް ދުވަހު، އިންވެސްޓްކުރާ އަދަދު ރުފިޔާ އިން ލިބޭނެ އެވެ. އެކަން ކުރާނީ ބީއެމްއެލް އިން ބުނި ގޮތުގައި، އިންވެސްޓްކުރާ ފަރާތާއި އެ ބޭންކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ތެރެއިންނެވެ.
ބީއެމްއެލް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފޮރެކްސް އިންވެސްޓްމަންޓްގެ އަދަދާއި އޭގެ ފައިދާ ވެސް ޑޮލަރުން ދޭން މިހާރު ނިންމާފައިވާ ކަމަށެވެ."ފޮރެކްސް އިންވެސްޓްމަންޓްގެ ހިދުމަތް މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރެވިފަ އެވެ. މި އިންވެސްޓްމަންޓުން ލިބޭ ނަފާ އާއި އިންވެސްޓްކުރި އަދަދު ޖަމާވާނީ ޑޮލަރުންނެވެ،" އެ ބޭންކުން ބުންޏެވެ."އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖު ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ އެވެ."އިންވެސްޓްމެންޓް ޕޯޓަލްގައި އިންވެސްޓްކުރުމުން 25 ޕަސެންޓާ ހަމައަށް ފައިދާ ލިބޭނެ އެވެ. މިސާލަކަށް 1،000 ޑޮލަރު އިންވެސްޓްކުރުމުން އެ ދުވަހު ކަސްޓަމަރުގެ އެކައުންޓަށް 1،260 ޑޮލަރު ޖަމާވާނެ އެވެ. އޭގެ އަނެއް ދުވަހު، އިންވެސްޓްކުރި އަދަދު ރުފިޔާއިން ބޭންކަށް މާރުކުރަން ޖެހޭނެ އެވެ. އެހެންވެ، ބާކީ ކަސްޓަމަރަށް އިންވެސްޓްމެންޓްގެ ފައިދާގެ ގޮތުގައި 260 ޑޮލަރު ލިބޭނެ އެވެ.