ވިޔަފާރި
ބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)ތަކުގެ އަދަދަށް ބަލައި، ކުރިއަށް އޮތް ތިން ހަފުތާ އަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރު ކުރަން ނިންމާފައިވާ ކަމަށް އެ ބޭންކުން ރޭ ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް އެ ބޭންކުން 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށެވެ.

މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރުކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށެވެ.

މީގެ އިތުރުން ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާއިރު މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރު ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެކަމުގެ ޔަގީންކަންދެމުުން ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ދެމެހެއްޓުން ކަމަށެވެ.

ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، މި ހަފުތާއިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް 51 ޕަސެންޓް އިތުރު ކުރުމަށް އެމްއެމްއޭ އިން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42ރ. އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރި ކުރާ ތަންތަނުން އަދި ކަޅުބާޒާރުގައި ވެސް ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށެވެ. މި ހަފްތާ ފެށުނުއިރު ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 22.10ރ.އަށް އަރައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު