
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކުރީގެ ނައިބުރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ އޯގަސްޓު 12، 13 އަކީ އަނިޔާވެރި ޒަމާންވީ ވެރިކަމެއް ބަދަލުކުރެވިދާނެކަން ދިވެހިރައްޔިތުންނަށް ހާމަކޮށްދިން ތާރީހު ކަމަށެވެ.އެގޮތުން މި އަހަރުގެ އޯގަސްޓު 12،13 އާ ކުރިމަތިލާއިރު، މިހާރު މި އޮތް ވެރިކަން ބަދަލުކުރުމުގެ ހާލަތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރަން ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ހާއްސަކޮށް [އޯގަސްޓު] 13 ވަނަ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ އަލުން އަނބުރާ އަޅުގަނޑުމެން މިހާރު މި ރާއްޖެއަށް ދިމާވެފައި އޮތް ހާލަތު ބަދަލުކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި މުޒާހަރާކުރާ ދުވަހެއްގެ ގޮތުގައި އަޅުގަނޑުމެން އާންމު މެންބަރުންނާއި ރާއްޖޭގެ ރައްޔިތުންނަށް މި އިއުލާނުކުރަނީ،" ޝިއްޕެ ވިދާޅުވި އެވެ.ޝިފާޒް ވިދާޅުވީ ސަރުކާރުގެ ކަންކަން ހުރި ގޮތް ރައްޔިތުންނާ ހިސާބަށް ގެނެސްދޭނެ ކަމަށާއި މި މުޒާހަރާ އެންމެ ބޮޑަށް އަމާޒުކުރާނީ މިހާރު ރާއްޖެއަށް ދިމާވެފައި އޮތް ހާލަތަށް ކަމަށެވެ.