މިފްކޯގެ ސީއީއޯކަމުން ވަކިކުރި ވިޓަލީއަށް ފައިސާ ނަގައިދެވެން ނެތް ކަމަށް ނިންމައިފި
ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހެޅި މައްސަލަގައި ބަދަލެއް ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައިފި އެވެ. 
ވިޓަލީ ވަޒީފާއިން ވަކި ކުރީ އޭނާ އައްޔަން ކުރިތާ އެންމެ ތިން މަސްދުވަސް ފަހުން މާޗް، 2025، ގަ އެވެ. ވަޒީފާއިން ވަކި ކުރި މައްސަލައިގައި އޭނާ އެދުނީ ތިން މަހުގެ މުސާރައަށްވާ 42،000 ޑޮލަރު ހޯދުމަށެވެ.އެކަމާ ގުޅޭ ގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނީ، މިފްކޯއިން ވަނީ މިޓަލީއާ އެކު ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ވަޒީފާއާ ބެހޭ އެއްބަސްވުމެއް ހަދާފައި ކަމަށެވެ. އިސް މަގާމުތަކުގައި ތިބޭ މީހުން އިސްތިސްނާ ކުރެވޭ މާއްދާތަކެއް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކުރި ނަމަވެސް، ސީއީއޯ އާއި ކުންފުންޏާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް އޮންނަ ހާލަތުގައި އެ ފަރާތްތަކުގެ މައްޗަށް އިސްތިސްނާވާ މާއްދާތައް ނޫން ވަޒީފާއާ ބެހޭ ގާނޫނުގެ އެހެން މާއްދާތައް ހިންގޭނެ ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.
އެހެންވެ، ޓްރައިބިއުނަލުން ނިންމީ އެއީ އެ ތަނުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއްގެ ގޮތުގަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ވިޓަލީގެ ވަޒީފާގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެކަމުގެ ހުއްދަ ނެތް މީހެއް ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ތަންފީޒު ކުރެވޭނެ އެއްބަސްވުމަކަށް ނުވާތީ ބަދަލު ނަގައިނުދޭން ޓްރައިބިއުނަލުން ނިންމި އެވެ. ވިޓަލީ ވަކި ކުރުމުގެ ކުރިން އޭނާ ވަނީ ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވަން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އޭނާ މަގާމުން ވަކި ކުރީ އޭގަ މަދު ދުވަސްކޮޅެއް ފަހުންނެވެ.