ޔޫނުސް އިބްރާހިމް
04 ސެޕްޓެމްބަރ 2026 - 22:32
0 comments
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުން އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައިސް އޮފީހުން މިއަދު ބުނީ މިދިޔަ އޮގަސްޓު 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގެ "ޕްރައިމް މިނިސްޓާ ޑިޒާސްޓާ ރިލީފް ފަންޑު" އަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެއީ ސަރަހައްދީ އެއްބައިވަންތަކަމަށް ރާއްޖެ އިން ދޭ އިސްކަމާއި ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ގައުމުން އަނެއް ގައުމަށް ހަމްދަރުދީއާ އެކު، އެހީތެރިވެ، އެ ގައުމާ އެކު ރާއްޖެ އިން ދެމިއޮންނާނެކަން ރަމްޒުކޮށްދޭ ކަމެކެވެ.
ނޭޕާލަށް ކުރިމަތިވި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ނޭޕާލް ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައި އެ އުނދަގޫ ދަނޑިވަަޅުގައި ނޭޕާލާ އެކު ރައްޖެ އޮތްކަން ހާމަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރު އެވެ. އޭރުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް އެކުވެރި ގުޅުމެއް ކަމަށާއި ރާއްޖެ އަބަދުވެސް އޮންނާނީ އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބޭނުންޖެހޭ ވަގުތުތަކުގައި ސަރަހައްދީ ގައުމުތަކަށް އެއްބާރުލުންދީ، އެހީތެރިކަން ދިނުމުގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ނޭޕާލަށް މި ފަހުން ކުރިމަތިވި ހާދިސާގައި މަރުވި މީހުންގެ އަދަދު 1،114 އަށް މިހާރު ވަނީ އަރައިފަ އެވެ. މީގެ އިތުރުން ބޯޑަރުގެ އަނެއް ފަރާތުން، ޗައިނާ އިން ވެސް 16 މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައި ކަމަށް ޗައިނާ އިން ބުނެފައިވެ އެވެ.
އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ އިތުރުވެފައި ވާއިރު ނޭޕާލުން އަދިވެސް 4،462 މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުގެ 583 ޓޫރިސްޓުން ހިމެނެ އެވެ.
ތްރިޝޫލީ ކޯރު ކައިރީގައި ހުރި ހައިޑްރޯޕަވަ ޕްރޮޖެކްޓްތަކުގެ ތެރޭގައި 500 އާއި 600 އާ ދެމެދުގެ އަދަދަކަށް މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭތީ، ސަލާމަތްކުރާ ފަރާތްތަކުން ދަނީ އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ނޭޕާލްގެ ފޮރިން މިނިސްޓަރު ޝިޝީރު ޚާނާލް ވިދާޅުވެފައިވާ ގޮތުގައި އެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަންނަން "އެތައް ބިލިއަން ޑޮލަރެއް" ހޭދަވުން އެކަށީގެންވެ އެވެ. މި ހާދިސާއާ ގުޅިގެން ނޭޕާލުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހުއަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ. ރައީސް ފޮނުއްވި މެސެޖުގައި، ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ފުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.އަދި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަތުމުގެ އިތުރުން، މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތަކަށް ވެސް ރައީސް ވަނީ ތައުރީފު ކުރައްވާފަ އެވެ.