
ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރާ އެ ނިޒާމާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ސަބްސީ ޑީސެލިނޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2040 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ. އަދި މީގެ ބޭނުމަކީ ގައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރުން ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެ އެވެ."އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓް ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް،" ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވި އެވެ. މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ދަށުން، ފްލޯޝަން ކުންފުނީގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލް ނަގައިފައެވެ. އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި، ފުރަތަމަ ތަހުލީލުތަކުން ދައްކާ ގޮތުގައި އެއީ އާދަޔާހިލާފަށް ސާފު ފެނެކެވެ. އަދި ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި، އެއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީއީ ފެން މަސްދަރުތަކުގެ ތެރޭގައި ހިމެނޭ ފެނެކެވެ މި ދިރާސާއިން ލިބޭ ނަތީޖާތަކަށް ބިނާކޮށް، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔުއެސްސީން ވަޒަންކުރާނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މިއީ ރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.