ހުނައިދާ ޔާސިރު
04 ނޮވެމްބަރ 2026 - 12:32
0 comments
އެމެރިކާގެ ކޮންގްރެސްގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފި އެވެ. 
މި އިންތިހާބަކީ ޓްރަމްޕްގެ ދެވަނަ ދައުރާ މެދު ރައްޔިތުންގެ އޮތް ބޮޑު ނުރުހުން ވަރަށް ބޮޑަށް ހާމަވި އިންތިހާބަކަށް ވަނީ ވެފަ އެވެ. ހާއްސަކޮށް، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ޓެރިފްތަކާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލިފައިވުމުން ރިޕަބްލިކަން ޕާޓީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. ޓްރަމްޕްގެ މަގުބޫލުކަން ވެސް މިހާރު އޮތީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ އެވެ.
އެންބީސީ ނިއުސްއާއި އެހެން ނޫސްތަކުން ލަފާކުރާ ގޮތުގައި މި ނަތީޖާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ރައްޔިތުން ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.އެންބީސީ ނިއުސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޑިމޮކްރެޓުން ގާތްގަނޑަކަށް 248 ގޮނޑި ކާމިޔާބު ކުރާނެއެވެ. މިއީ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 218 ގޮނޑިއަށް ވުރެ މާ މަތީ އަދަދެކެވެ. ނަމަވެސް، ސެނެޓްގެ އަޣުލަބިއްޔަތު ލިބެނީ ކޮން ޕާޓީއަކަށް ކަމެއް އެންބީސީން އަދި ކަނޑައެއް ނާޅަ އެވެ.ހައުސްގެ އަޣުލަބިއްޔަތު އަނބުރާ ހޯދުމަށް ޑިމޮކްރެޓުންނަށް ބޭނުންވީ އިތުރު ތިން ގޮނޑިއެވެ. އެހެން ނަމަވެސް، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ގިނަ ދާއިރާތަކެއް ހިމެނޭހެން، ރިޕަބްލިކަން ޕާޓީގެ ގިނަ ގޮނޑިތަކެއް ޑިމޮކްރެޓުން ވަނީ ފުރޮޅާލާފަ އެވެ.މި ނަތީޖާއާ ގުޅިގެން ޓްރަމްޕް ވަނީ، ވޯޓު ކަރުދާހުގައި އޭނާގެ ނަން ނެތް ކަމަށާއި، ނަން އޮތް ނަމަ ބޮޑު ތަފާތަކުން މޮޅުވާނެ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، ޑިމޮކްރެޓިކް ސެނެޓަރު ޖޯން އޮސޮފް ވިދާޅުވީ، މިއީ ޓްރަމްޕުގެ ކޮރަޕްޝަނާއި ނާގާބިލުކަމަށް ރައްޔިތުން ދިން ރައްދެއް ކަމުގައެވެ. މީގެއިތުރުން ،ވޯޓުލީ މީހުންގެ %70 މީހުން ބޭނުންވަނީ ކޮންގްރެސް މެދުވެރިކޮށް ރައީސްގެ ބާރުތައް ހިފަހައްޓައި ފާރަވެރިވުމަށް ކަމުގައި ސާވޭތަކުން ވަނީ ދައްކާފައެވެ.