ޚަބަރު
ޑޮލަރުގެ މައްސަލަ ހައްލު ކުރުން ގާނޫނުން މަތިކޮށްފައި ވަނީ އެމްއެމްއޭ އަށް: ސައީދު
ޑޮލަރުގެ މައްސަލަ ހައްލު ކުރުން ގާނޫނުން މަތިކޮށްފައި ވަނީ އެ މިނިސްޓްރީއާ ނޫން ކަމަށާއި ގާނޫނުން އެކަން މަތިކޮށްފައި ވަނީ މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި މަޖިލީހަށް ޖަވާބުދެއްވަމުން މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައަޅަން ގާނޫނުގައި ލާޒިމުކޮށްފައި އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. އެކަމަކު އެކަމުގައި އޭނާއާ ސުވާލުކުރާތީ ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވެ އޭނާ ހުށަހެޅުއްވީ ތަފާސްހިސާބުތަކެކެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަަނަ އަހަރުން ފެށިގެން ނޮވެމްބަރު، 17، 2023އާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިވީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުން ދޫކުރި ޑޮލަރުގެ އަދަދަކީ 1.9 ބިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެހާސް ސައްވީސް ވަނަ އަހަރު އެކަނި 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓް، 15.42 ގެ ރޭޓްގައި ދޫކޮށްފައި ވޭ. އެއީ 2012 އާ އަޅާ ބަލާއިރު 97 ޕަސެންޓް ބޮޑުވުމެއް. ދެން 2025 ވަނަ އަހަރަށް ބަލާއިރު މި ދެންނެވި ބާވަތްތަކަށް [ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭހަށް ފުރާ މީހުންނަށް ދޫކުރި ޑޮލަރު] 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައި އެބަވޭ. ދެހާސް ސައްބީސް ވަނަ އަހަރުގެ މިހާ ހިސާބަށް 718.53 މިލިއަން އެމެރިކާ ޑޮލަރު، ޖުމްލަ 1.9 ބިިލިއަން 1.942.45 މިލިއަން އެމެރިކާ ޑޮލަރު މިސަރުކާރުން ދޫކޮށްފައި އެބަ އޮތް. މީގެ މާނައަކީ 80 ޕަސެންޓްގެ އިތުރުވުމެއް މިއޮތީ އައިސްފައި،" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު މި މައްސަލައިގައި މިއަދު ވާހަކަ ދައްކަވާފަ އެވެ. އަދި ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން ގިނަ ވަގުތު ވާހަކަ ދެއްކެވި އެވެ.

"މިއީ [އިތުބާރު ނެތް ކަމުގެ މައްސަލައިގައި] ފުރަތަމަ އޮތް ސުވާލު. މި ސުވާލުތަކަށް ޖަވާބު ދޭން އަޅުގަނޑު ބޭނުންވީ ގާނޫނުތައް ބަލަން. އެއީ ރައްޔިތުންގެ އިއްޒަތްތެރި މަޖިލީހުން ގާނޫނުތައް ފާސް ކުރަނީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ އެ ހަމައިގެ ތެރެއިން،" އެމްޑީޕީން ހުށަހެޅި މައްސަލައިގެ ނުކުތާތަކަށް ޖަވާބު ދެއްވަން ފައްޓަވަމުން ސައީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ފޮރިން އެކްސްޗޭންޖާ ބެހޭ ކަންކަން ހިންގުމުގެ ޒިންމާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981ގެ 24 ވަނަ މާއްދާގެ (ހ)ގައި މަތިކޮށްފައި ވަނީ، އެކްސްޗޭންޖް ރޭޓުގެ ނިޒާމް ތަންފީޒުކުރުމަށްޓަކާ އަދި އެކްޗޭންޖު ރޭޓުގެ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ކަމަށް."

ސައިދު ވިދާޅުވި ގޮތުގައި، ޑޮލަރުގެ ދަތިކަން އޮތް ކަމަށް އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޮތް "ވާހައަކީ ހަގީގަތާ ހިލާފު ވާހަކަ" އެކެވެ. އަދި މިވަރަށް ޑޮޮލަރު ދޫކުރުން އިތުރުވީ ރައީސް މުއިއްޒު "އާންމު ފަރުދުން އިސްކުރައްވައި" މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމުންނެވެ. އޭގެ ތެރޭގައި، ފަތުރުވިވެރިކަމުގެ ވިޔަފާރިތަކުން އާމްދަނީގެ %40 ޑޮލަރު މާރުކުރަން މަޖުބޫރު ކުރާ ގޮތަށް ހެދުން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮން ވެރިއަކަށްތޯ މިފަދަ ފިޔަވަޅެއް އަޅަން ކެރިވަޑައިގެންނެވީ،" އެމްޑީޕީން ގެނެސް ދިނީ "ނާމާން މަލަމައްޗެއް"ކަން ފާހަގަކުރައްވައި ރައީސް މުއިއްޒަށް ތައުރީފް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު