ޚަބަރު
މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް ފާހެއްނުވި
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ފާސްނުވާކަމަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ. 

ސައީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ހުށަހެޅީ މިދިޔަ އޮގަސްޓު މަހެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މައްސަލަ ހުށަހެޅިތާ ތިން މަސް ފަހުން މިއަދެވެ.

މި މައްސަލައަށް ބަހުސްކޮށް ނިމި، ސަޢީދުގެ އިތުބާރު ނެތް ކަމަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން ސަޢީދަށް އިތުބާރު އޮތް ކަމަށް 54 މެންބަރުން ވޯޓު ދިން އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދިނީ 10 މެންބަރުންނެވެ.

ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި މައްސަލައިގައި ދިފާއުގައި މިނިސްޓަރު މިއަދު ވަނީ މަޖިލީހުގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެ، ތަކެތީގެ އަގު ބޮޑުވެފައިވާއިރު، ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް ސަރުކާރުން ކުރިން އުންމީދުކުރި 400 މިލިއަން ޑޮލަރާ ގާތްކުރާ މިންވަރަށް ވެސް އާމްދަނީ ލިބިފައިނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިނިސްޓަރު ވަނީ މަޖިލީހުގައި އެ ހުރިހާ ތުހުމަތުތަކެއް ދިފާއު ކުރައްވައި، އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ދެހާސް ސައްވީސް ވަނަ އަހަރު އެކަނި 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓް، 15.42 ގެ ރޭޓްގައި ދޫކޮށްފައި ވޭ. އެއީ 2012 އާ އަޅާ ބަލާއިރު 97 ޕަސެންޓް ބޮޑުވުމެއް. ދެން 2025 ވަނަ އަހަރަށް ބަލާއިރު މި ދެންނެވި ބާވަތްތަކަށް [ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭހަށް ފުރާ މީހުންނަށް ދޫކުރި ޑޮލަރު] 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައި އެބަވޭ. ދެހާސް ސައްބީސް ވަނަ އަހަރުގެ މިހާ ހިސާބަށް 718.53 މިލިއަން އެމެރިކާ ޑޮލަރު، ޖުމްލަ 1.9 ބިިލިއަން 1.942.45 މިލިއަން އެމެރިކާ ޑޮލަރު މިސަރުކާރުން ދޫކޮށްފައި އެބަ އޮތް. މީގެ މާނައަކީ 80 ޕަސެންޓްގެ އިތުރުވުމެއް މިއޮތީ އައިސްފައި،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު ކުރީގެ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި ކަމަށެވެެ.

އެހެންވީމާ ޑޮލަރުގެ ދަތިކަން މިހާރު ބޮޑުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެވަރަށް ޑޮލަރު އިތުރުވީ މިނިސްޓަރު ވިދާޅުވި ގޮތުގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކިވަރަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތައް މި ސަރުކާރުން އެޅީމަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު