
ބީއެމްއެލްއިން މިއަދު ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ލިބޭނެ ކަމަށެވެ. މި ހިދުމަތާއެކު ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ، ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.މިގޮތަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.މި ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ވަގުތެއްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެއެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ ވިޔަފާރިއަކާ ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.މިއީ އިކޮނޮމިކް މިނިސްޓްރީ އަދި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ބޭރު ފައިސާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.