ޒުވާނުން ވިޔަފާރި ފަށަން ހާއްސަކޮށްފައިވާ ފައިނޭންސިންގެ ދެ ވަނަ ފިޔަވަހި ހުޅުވާލައިފި
އިސްމާއިލް ރިޒާ
01 ނޮވެމްބަރ 2026 - 13:44
0 comments
ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ދިވެހި ޒުވާނުން ކުދި ވިޔަފާރިތައް ފަށަން ތައާރަފްކޮށްފައިވާ ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ގައުމީ ބެންކު، ބީއެމްއެލްއިން ބުނީ، މިއީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްލުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފައިނޭންސިންއެއް ކަމަށެވެ.މި ފައިނޭންސިން ޚާއްސަކޮށްފައި ވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.އެ ބެންކުން ބުނީ، މި ފެސިލިޓީގެ ދަށުން، އެއްވެސް ޚަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.މިގޮތުން، އަހަރަކަށް ހަތް ޕަސެންޓުގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.މި ފައިނޭންސިން ފެސިލިޓީގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމަށާއި، ފައިނޭންސިން އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފަ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެ އެވެ.
މި ޕްރޮގުރާމްގައި އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
ޔޫތް އޮންޓްރާނިޝިޕް ފައިނޭންސިންގެ މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ފުރުސަތަކަށް ޒުވާނުން ބޭނުންވެފައިވާ މިންވަރު ހާމަވިކަން ފާހަގަކުރި އެވެ.
އޭނާ ވިދާޅުވީ ޒުވާނުންނަށް އެ މީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިން މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން ވަނީ ފޯރުކޮށްދީފަ އެވެ.