ލައިފްސްޓައިލް
ވީހާވެސް ޅަ އުމުރެއްގައި ތަރުކާރީ ކާންދިނުން ރަނގަޅު: ދިރާސާ
ކުދިންނަށް ތަރުކާރީ ކާން ދޭން އުނދަގޫ ކަމަށް ވަރަށް ގިނަ މައިންބަފައިން ބުނެ އެވެ. ސައިންސްވެރިން ވިދާޅުވަނީ ކުދިންނަށް ތަރުކާރީ ކާން ދޭން އެންމެ ފަސޭހަ ވާނީ އެ ކުދިންނަށް ވީހާ ވެސް އަވަހަކަށް ތަރުކާރީ ތައާރަފް ކޮށްދީގެންނެވެ. އުމުރުން ދެ އަހަރު ނުފުރެނީސް އެކި ވައްތަރު ވައްތަރުގެ ތަރުކާރީ ކޮންމެ ދުވަހަކު ކުދިންނަށް ކާންދީ އޭގެ ރަހަތައް ދަސްކޮށްދެވިފައިވާނަމަ އެ ކުދިން ތަރުކާރީ ނުކާން ބޮޑަލެއް ނުހާކާނެ ކަމަށް ދިރާސާއެއްގެ އަލީގައި ސައިންސްވެރިން ވިދާޅުވެ އެވެ. ޔުނިވަސިޓީ އޮފް ލީޑްސް އިން ހަދާފައިވާ މި ދިރާސާ އިން ހާމަ ވެފައިވާ ގޮތުގައި ވަރަށް ނުކާން އުޅޭ ކުދިންނަށް ވެސް ފެހިކުލަ ގަދަ ތަރުކާރީ ގިނަގިނައިން ދޭނަމަ އެކުދިން ވެސް ތަރުކާރީ ނުކާކަށް ނޫޅޭނެ އެވެ. މި ދިރާސާގައި ބައިވެރިކުރީ ހަތަރު މަހާއި 38 މަހާ ދެމެދުގެ 332 ކުދިންނެވެ. މިއީ އިނގިރޭސި ވިލާތް، ފްރާންސް އަދި ޑެންމާކް ކުދިންނެވެ. މި ކުދިންނަށް ކާންދީފައިވަނީ އާޓިޗޯކް ކިޔާ ބާވަތެއްގެ ތަރުކާރީއެއްގެ ޕިއުރީ ތައްޔާރު ކޮށްގެންނެވެ. ޕިއުރީ ކާންދިން ކުދިންގެ ތެރެއިން ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކު ތަށީގައި ހުރި ކާނާ ހުސްކުރިއިރު 40 ޕަސެންޓް ކުދިން އާޓިޗޯކް ކަމުދާއެއްޗަކަށް ވިއެވެ. ވަރަށް ކުރިންސުރެ ގިނަ ބަޔަކު ގަބޫލުކުރާ ކަމެއް މި ދިރާސާގެ އަލީގައި ހަގީގަތެއް ނެތް ވާހަކައެއްކަން ސާބިތުވި އެވެ. އެއީ ކުޑަކުދިންނަށް ތަރުކާރީ ކާން ދެވޭނީ އެ ކާން ދެނީ ކޯއްޗެއްކަން އެ ކުދިންނަށް ނޭނގޭ ގޮތަށް އޭގެ ރަހަ އެހެން އެއްޗަކާ އެއްކޮށްގެން ކަމަށް ހީވެފައިވާ ހީވުމެވެ. މި ދިރާސާގެ ތެރޭގައި ކޮންމެ ކުއްޖަކަށް ވެސް ފަސް ފަހަރު ނުވަތަ 10 ފަހަރު މަދުވެގެން 100 ގްރާމް އާޓިޗޯކް ޕިއުރީ ކާން ދީފައި ވެއެވެ. މި ޕިއުރީއަށް އިތުރުކުރީ ފޮނިކޮށްލަން ކުޑަ ހަކުރުކޮޅެއް އަދި ހަކަތަ އިތުރު ކުރުމުގެ ގޮތުން ތަރުކާރީ ތެޔޮ ކޮޅެކެވެ. ސައިންސްގެ އަލީގައި ފާހަގަ ކުރެވުނީ އެއްވެސް އެއްޗެއް ނާޅާ ހުންނަ ޕިއުރީ އާއި ހަކުރު އަޅާފައި ހުރި ޕިއުރީ ވެސް ކުދިން ކެއީ ހަމަ ދާދި އެއް ވަރަކަށެވެ. ހަކުރު އަޅާފައި ހުރި ވައްތަރު ވަކިން ގިނައިން ކުދިން ކައިފައެއް ނުވެ އެވެ. މީގެން ހާމަވާ އެއްޗަކީ ތަރުކާރީ ކާންދޭއިރު ކުދިންނަށް މީރު ވެގެން ގިނައިން ކާނެ ކަމަށް ހީކޮށް އެއަށް ހަކުރު އަޅާ ފޮނިކުރުމުގެ ބޭނުމެއް ނެތް ކަމެވެ. އަދި އުމުރުން އެންމެ ހަގު ކުދިން އާޓިޗޯކް ކޭ މިންވަރު އެންމެ ދޮށީ ކުދިންނަށް ވުރެ ގިނަ ކަން މި ދިރާސާއިން ދެއްކި އެވެ. މިކަން މިގޮތަށް ދިމާވީ ތުއްތު ކުދިން އުމުރުން ދުވަސްވާ ވަރަކަށް އެކި ރަހަރަހަ ދަސްވެ ވަކި ވައްތަރެއްގެ ރަހައެއް ލާ އެއްޗެތި ކާން ބޭނުންވާތީ ކަމަށް މި ދިރާސާގައި ބައިވެރިވި އިންސްޓިޓިއުޓް އޮފް ސައިކޮލޮޖިކަލް ސައިންސްގެ ޕްރޮފެސަރު މާރިއަން ހެތެރިންޓަން ވިދާޅުވި އެވެ. ދެ އަހަރުން ދަށުގެ ކުދިންނަށް އާ ވައްތަރު ވައްތަރުގެ ތަރުކާރީ ކާން ދޭން ފަސޭހަ ވާނެ އެވެ. ސަބަބަކީ އާ ރަހަތައް ތަޖުރިބާކުރަން އެކުދިން މާ ބޭނުންވާނެތީ އެވެ. ނަމަވެސް 24 މަސް ވުމަށްފަހު އާ ވައްތަރު ވައްތަރު ރަހަ ބަލާ ކާން ކުދިން ފަހަތަށް ޖެހޭނެ އެވެ. އަދި އެކުދިންނަށް ރަހަ ނޭނގޭ އެއްޗެއް ދީފިނަމަ ނުކާން އުޅޭނެ އެވެ. އެއީ ތަންކޮޅެއް ކުޑައިރު ކޭ އެއްޗަކަށް ވިޔަސް މާ ގިނަ ދުވަސް ކޮށްފައި ދީފިނަމަ އެ އެ އެއްޗެއް ނުކާން އުޅޭނެ އެވެ. މި ދިރާސާގައި ބައިވެރިވި ކުރި ކުދިންގެ 40 ޕަސެންޓް ކުދިންނަކީ އާ ވައްތަރުތައް ކާން ދަސްކުރަން ބޭނުންވި ކުދިންނެވެ. އަދި މި ކުދިން އާޓިޗޯކް މާގިނައިން ކެއެވެ. މީގެ ތެރެއިން 21 ޕަސެންޓް ކުދިން ކޮންމެ ދުވަހަކުވެސް އެކުދިންނަށް ކާން ދިން އާޓިޗޯކްގެ ހަތަރު ބައިކޮށްފައި ތިން ބައި ހުސްކުރި އެވެ. އެއްގޮތަކަށް ވެސް ކާން ބޭނުން ނުވި 16 ޕަސެންޓް ކުދިންނަށް ދުވާލަކަށް ކާން ދެވުނީ އެންމެ 10 ގްރާމެވެ. އެއީ ދުވާލަކު ފަސް ފަހަރު ކާން ދެން އުޅެގެން ކެވުނު ވަރެވެ. ބާކީ ތިބި ކުދިން މީގެން އެއްވެސް ގްރޫޕަކަށް ލައްވައެއް ނުލަ އެވެ. މި ދިރާސާގެ އަލީގައި މައިންބަފައިންނަށް ސައިންސްވެރިން ވަނީ ތުއްތުކުދިންނަށް ސިއްހަތަށް ފައިދާ ހުރި ކާނާ ކާންދޭނެ ގޮތުގެ ގައިޑްލައިނެއް ބުނެދީފަ އެވެ. އެ ގައިޑްލައިން ގައިވާ ގޮތުން ކުދިންނަށް ތަރުކާރީ ކާން ހިތްވަރުދޭން ބޭނުންވާނަމަ އެކުދިންނަށް ވީހާވެސް ޅަ އުމުރުގައި ތަރުކާރީ ކާން ދޭން ފަށަން ޖެހެ އެވެ. ތިމާގެ ދަރިފުޅަކީ ވަރަށް ނުކާން އުޅޭ އަދި ތަރުކާރީ އާ ގަޔާނުވާ ކުއްޖެއް ނަމަވެސް ދުވާލަކު ފަސް ފަހަރު ނުވަތަ 10 ވަރަކަށް ފަހަރު ތަރުކާރީ ކާން ދޭން މަސައްކަތް ކުރުމުން ކުދިންނަށް އެ ކާނާ ކާހިތްވުމުގެ ފުރުސަތު ބޮޑެވެ. މި ދިރާސާގައި އާޓިޗޯކް ބޭނުންކުރީ ބެލެނިވެރިންގެ ތެރެއިން ގިނަ މީހުންނަށްް މި ތަރުކާރީ އަކީ އެންމެ ކައްކަން އުނދަގޫ އަދި ނުކައްކާ ބާވަތް ކަމަށްް ބުނުމުންނެވެ. ސިއްހީ ގައިޑްލައިންގައި ވާ ގޮތުން ތުއްތު ކުދިންނަށް ކާން ދޭން ފެށުން އެންމެ ރަނގަޅީ އުމުރުން ހަ މަސް ފުރުމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު
40%
0%
40%
20%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު