ޚަބަރު
މީސަލްސް ވެކްސިން ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްފި
''މަވެސް ޖަހައިފިން"ގެ ނަމުގައި މާލޭގައި މީސަލްސް ވެކްސިން ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މި ކެމްޕޭން މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި ކެމްޕޭން މިއަދު ފެށީ އަމީނިއްޔާ ސްކޫލުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންމިދަނީ ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔަކާ ދެކޮޅަށް ކަމަށެވެ. މިފަދަ ނުރައްކާތެރި އެތައް ބައްޔަކާ ދެކޮޅަށް ރާއްޖޭއިން މަސައްކަތްކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވަނީ މިހާރު ހުރި ވަޞީލަތްތައް ނެތް، ދަތުރުފަތުރު ކުރުމުގައި ގިނަ ގޮންޖެހުން ހުރި ޒަމާނެއްގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކެމްޕެއިނުގެ ޒަރިއްޔާއިން މިކަމުން ރާއްޖެ އަރައިގަންނާނެކަމަށެވެ. އެހެންކަމުން ވެކްސިންދިނުމަށް ހުރިހާ ފަރާތަކުންވެސް ޚާއްސަ އިސްކަމެއް ދެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ވެކްސިންގ ދިނުމުގެ ޤައުމީ ކެމްޕޭން ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތިބި ހުރިހާ ކުދިންނަށް ވެކްސިން ދެވިފައިވާކަން ކަށަވަރުކުރާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. "ވެކްސިން ޖެހުމާ ގުޅޭގޮތުން އެއްވެސް ބޭފުޅަކު ފަރުވާކުޑަ ނުކޮށް މިކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑު އިލްތިމާސްކުރަން. މިއީ ހަމައެކަނި ތިމާ ގެ ރައްކާތެރިކަމަށް ކުރާ ކަމެއްކަމުގައި ނުދެކި މިއީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމާއި ގުޅިފައިވާކަމެއްގެ ގޮތުގައި ހުރިހާ ބޭފުޅުންވެސް ދެކެވަޑައިގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް." އަމީން ވިދާޅުވިއެވެ. ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ކެމްޕެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް ހެލްތުން ބުނެއެވެ. މާލޭ ސްކޫލްތަކުގެ އިތުރުން ބައެއް އޮފީސް ތަކުގައިވެސް މި ކެމްޕޭން ކުރިއަށްގެންދެ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ދަރިވަރުންނަށް ތައުލީމު ދިނުމަކީ އެޑިއުކޭޝަންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބެ ސްކޫލު ދައުރު ނިންމުމަށް އެހީތެރިވުމުގެ ގޮތުން ކަމާބެހޭ މުއައްސަސާ ތަކާއި ގުޅިގެން އެޑިއުކޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފާތިމަތު ވިދާޅުވިއެވެ. ރާއްޖެއިން ހިމަބިހި ނައްތާލިފަހުން މިދިޔަ މަހު ވަނީ ހިމަބިހީގެ ފުރަތަމަ ކޭހެއް ފެންމަތިވެފަ އެވެ. ފުރަތަމަ ކޭސް އާއެކު ވެކްސިން ޖެހުމުގެ މަސައްކަތް މާލެ ސިޓީގެ އެކި ސަހަރައްދުތަކުގައި ފެށި އެވެ. އެގޮތުން، 10،000 އަށް ވުރެ ގިނަ މީހުންނަށް މީސްލްސް ރުބެއްލާ ވެކްސިން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 12 އަށް އަރާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު