ދުނިޔެ
ޓޭމޫއަށް 232 މިލިއަން ޑޮލަރުގެ ބޮޑު ޖޫރިމަނާއެއް!
ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ އަދި ކަސްޓަމަރުންނަށް ނުރައްކާވެދާނެ ފަދަ ކުޅޭ އެއްޗިއްސާއި އިލެކްޓްރޯނިކްސް ސާމާނު ވިއްކުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ، މަޝްހޫރު އޮންލައިން މާކެޓްޕްލޭސް "ޓޭމޫ" 200 މިލިއަން ޔޫރޯ (232 މިލިއަން ޑޮލަރު)އިން މިއަދު ޖޫރިމަނާކޮށްފިއެވެ.

ހަތާވީސް ގައުމު ހިމެނޭ އީޔޫ އިން މި ޖޫރިމަނާ ކޮށްފައިވަނީ، ޓޭމޫގެ ޕްލެޓްފޯމުގައި ވިއްކާ ކުޑަކުދިންގެ ކުޅޭ އެއްޗިއްސާއި އިލެކްޓްރޯނިކްސް ބައެއް ސާމާނު ފަދަ ތަކެތި، އީޔޫގެ ކަސްޓަމަރުންގެ ރައްކާތެރިކަމުގެ ގަވާއިދުތަކަށް ނުފެތޭތީ، އެކަމުގެ ސަބަބުން ކަސްޓަމަރުން ބޮޑު ނުރައްކަލަކަށް ހުށަހެޅޭ ކަމަށް ވޭތުވެދިޔަ އަހަރު އެ އިދާރާއިން ހޯދި ހޯދުންތަކަކަށް ފަހުގަ އެވެ.

ޑީއެސްއޭގެ ދަށުން ބްރަސަލްސްއިން މިފަދަ ބޮޑު ޖޫރިމަނާއެއް ކަނޑައެޅި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަހަރު ވަނީ އީލޮން މަސްކްގެ "އެކްސް" ޕްލެޓްފޯމް ވެސް 120 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

މި ތަހުގީގު ކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ އާންމު ކަސްޓަމަރުންގެ ގޮތުގައި ޓެމޫ އިން މުދާ ގަނެ، ރައްކާތެރިކަމުގެ ޓެސްޓުތައް ހަދާފައެވެ. މިގޮތުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި، ޕްލެޓްފޯމުން ވިއްކި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ޗާޖަރުތަކަކީ އަސާސީ ސަލާމަތީ މިންގަނޑުތަކުން ފެއިލްވެފައިވާ ތަކެތި ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެއެވެ.

ޓޭމޫ އަކީ ޗައިނާގެ ވިޔަފާރިވެރިން މެދުވެރިކޮށް، އަންނައުނުން ފެށިގެން ގޭތެރެއަށް ބޭނުންވާ ސާމާނާ ހަމައަށް، ހެޔޮ އަގުގައި މުދާ ފޯރުކޮށްދޭތީ ވަރަށް މަގުބޫލު ކުންފުންޏެކެވެ. އީޔޫގެ ގައުމުތަކުގައި އެކަނިވެސް މި ޕްލެޓްފޯމް ބޭނުންކުރާ 92 މިލިއަން މީހުން ތިބިއިރު، މިއީ ޗައިނާގެ މަޝްހޫރު އީ-ކޮމާސް ސައިޓެއް ކަމަށްވާ "ޕިންޑުއޮޑުއޮ" ގެ ވެސް ވެރިފަރާތް ކަމަށްވާ "ޕީޑީޑީ ހޯލްޑިންގްސް" ގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. 

ޓޭމޫއިން ބުނީ ޖޫރިމަނާކުރުމުގެ ނިންމުން ބަލައިނުގަންނަ ކަމަށާއި، އެއީ އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު ޖޫރިމަނާއެއް ކަމަށް ދެކޭ ކަމަށެވެ. އީޔޫގެ މި ނިންމުމާއި ގުޅިގެން ޓީމޫއަށް އަންނަ އޮގަސްޓް މަސް ނިމުމާއި ހަމައަށް އެކްޝަން ޕްލޭނެއް ހުށަހަޅައި މައްސަލަ ހައްލުކުރުމަށް ފުރުސަތު އޮންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު