ޚަބަރު
ރާއްޖޭގެ މީޑިއާގެ މިނިވަންކަން ރައްކާތެރި ކުރެވެން ޖެހޭ: ޔޫރަޕިއަން ޔޫނިއަން
މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރި ކުރެވޭ ގޮތަށް މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ހެދި ކޮންޓްރޯލް ގާނޫނު ތަންފީޒު ކުރުމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.

އަވައްޓެރި ސްރީ ލަންކާގައި ހުންނަ އީޔޫ އޮފީހުން ކުރި އެ ޕޯސްޓުގައި ބުނީ ބިލު ފާސްވެގެން އައި ގޮތާއި އެއާ ގުޅޭ ގޮތުން ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް މޮނީޓާކޮށްފައިވާނެ ކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރާނެ އަސަރު ވެސް ބަލާފައިވާނެ ކަމަށް ބުންޏެވެ.

އެގޮތުން އެ ޕޯސްޓުގައި ދިވެހި ސަރުކާރަށް ގޮވާލާފައި ވަނީ، ރާއްޖެއިން އެއްބަސްވެފައިވާ އިންސާނީ ހައްގުތަކާ ގުޅޭ އެއްބަސްވުންތަކަށް އިހްތިރާމްކޮށް، މީޑިއާގެ މިނިވަންކަމާއި ޑިމޮކްރަސީގެ އެއް އަސާސްކަމުގައިވާ މައުލޫމާތު ހޯދުމުގެ ހައްގު ރައްކާތެރި ކުރެވޭނެ ގޮތަށް އެ ގާނޫނު ތަންފީޒު ކުރުމަށެވެ.


އީޔޫއިން މިފަދަ ޕޯސްޓެއް ކޮށްފައިވާއިރު، މިނިވަން މީޑިއާ ނެތިކޮށްލަން ފާސްކުރި ގާނޫނާ ގުޅިގެން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހުން ފާސްކުރި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގު ދިނުމަށް ރާއްޖެއަށް ގޮވާލާ ކަމަށެވެ.

މި ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ ނޫސްވެރިންގެ ބޮޑު ކަންބޮޑުވުންތަކެއްގެ ތެރޭގައެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުގެ ނިޒާމުގެ ތެރެއިން މީޑިއާ ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމާއި، ކޮމިޝަނުގެ 3 މެމްބަރުން މަޖިލީހުން އައްޔަންކުރާ ގޮތަށް ހުރުމުގެ އިތުރުން ހުރިހާ މެމްބަރުން މަޖިލީހަށް ވަކިކުރެވޭ ގޮތަށް އޮތުމެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު