
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރު ހުސެއިން ޝަހީމް އެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.ބައްދަލުވުމުގައި ކޮލަމްބޯގައި ތިއްބަވާ އީޔޫ ގައުމުތަކުގެ ސަފީރުންނާއި އީޔޫގެ ސަރަހައްދީ އިސް އޮފިޝަލުން ބައިވެރިވި އެވެ.މި ބައްދަލުވުމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީގެ ވަފުދުން، ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ނާޒުކު ހާލަތާއި ސަރުކާރު ހިންގުން އަޑިއަޅާލާފައިވާ މިންވަރު އީޔޫގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.އެގޮތުން ދައުލަތުގެ ބާރުތަކަށާއި މިނިވަން މުއައްސަސާތަކަށް، އަދި ނޫސްވެރިކަމަށާއި މީޑިއާތަކަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމާއި އެކަން ކުރުމަށް ހިންގާފައިވާ އަމަލުތަކުގެ ތަފުސީލު އެމްޑީޕީން އީޔޫ އާއި ވަނީ ހިއްސާކޮށްފަ އެވެ.ވަކިން ހާއްސަކޮށް މި ފަހުން ތަސްދީގުކޮށް އަމަލުކުރަން ފެށި މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ހެދި ކޮންޓްރޯލް ގާނޫނާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށް އެމްޑީޕީން ބުންޏެވެ.ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމަށް އީޔޫގެ މިޝަންތަކުގެ އިސްވެރިން ވެދެއްވާ އެހީތެރިކަމަށް އެމްޑީޕީން ވަނީ ޝުކުރު އަދާކޮށްފައެވެ. ރާއްޖޭގެ ސިޔާސީ ހާލަތު އީޔޫއަށް ސާފުކޮށްދިނުމަކީ މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ކަމެއްކަމަށް އެމްޑީޕީން ބުނެ އެވެ.