
ރައީސް އޮފީހުން ބުނީ އދ. ގައި މިހާރު ކުރިއަށް ގެންދާ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރައީސް މުއިއްޒު، ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވައާ އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.އެ ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ރާއްޖެ އިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތައުރީފުކުރެއްވި ކަމަށާއި އެ ޕްލޭންތަކަށް އެ އެޖެންސީގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ."ދިވެހިރާއްޖޭގައި ޕޭޕާލްގެ ހިދުމަތްތައް ބޭނުންކުރެވޭނެ މަގުފަހިކުރުމާއި އޯޕަން ގަވަމަންޓް ޕާޓްނާޝިޕް (އޯޕީޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ ތަސައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުސަތުތަކާ މެދު ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަގީންކަންއަރުވާފަ އެވެ.