ހިމަބިހީގެ ކޭސްތަކެއް ރާއްޖެ އިން ފެނުމާ ގުޅިގެން އެ ބަލީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ، ފާއިތުވި 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އެހެންކަމުން، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި، ބަލީގެ ނުރައްކާ އޮތް މީހުންގެ އަދަދު މަދުކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.ނާޝިޔާ ވިދާޅުވީ، މިހާރުވެސް ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކާ ސީދާ ދިމާވާ މީހުންނަށް ވެކްސިން ދެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި އާންމު ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ނުވަ މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ މީހުންގެ ގޭގައި އުޅޭ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްސް އަށް ވެކްސިން ދެމުން އަންނަ އިރު އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އާންމުންނަށް ވެކްސިން ދިނުމަށް މިހާރު ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.ހިމަބިހީގެ އަލާމާތްތައް:
- ހުން އައުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން
- ކެއްސުން
- ނޭފަތުން އަރިދަފުސް ފޭބުން
- ލޯ ރަތްވުން
އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.