މުނިފޫހިފިލުވުން
އެމްއެމްއައި އިން ކުރިއަށް ގެންދިޔަ އެކްޓިންގ ވޯކްޝޮޕް ނިންމާލައިފި
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އިން ކުރިޔަށް ގެންދިޔަ އެކްޓިންގ ވޯކްޝޮޕް ނިންމާލައިފިއެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ނިންމުމަށް ދިވެހިރާއްޖޭގެ އަޑުގެ ސިނަކޯ މާލަމުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. މިއީ އިންޑިއާގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާ އާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި 40 ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ރާއްޖޭގެ ފިލްމީ ދާއިރާގައި ފުންނާބު އުސް ފަރާތްތަކާއި މުޅިން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކާއި މި ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ފަރާތްތައްވެސް ހިމެނެއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ، ސްރީލަންކާ، އިޓަލީ އަދި ޕިލިޕިންސްގެ ފަރާތަތައްވެސް މި ވޯކްޝޮޕްގައި ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި ފިލްމް އަދި ސްޓޭޖް ޑްރާމާތައް ހުށަހަޅާއިރު، ބަލަންޖެހޭ ކަންކަމާއި ވާންޖެހޭ ތައްޔާރީތައް ބައިވެރިންނަށް ކިޔައިދީ ޢަމަލީގޮތުން ތަޖުރިބާ ކުރުވާފައިވެއެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖޭގައި ތިބީ ހުނަރުވެރި ބައެއް ކަމަށާއި އެކަން އެންމެ ރަނގަޅަށް ފާހަގަވަނީ ޢީދު ފަދަ މުނާސަބާ ފާހަގަކުރާ ދުވަސްތަކުގައި ކަމަށެވެ. އަދި ދިވެހިންނަކީ އެންޓަޓެއިންމަންޓް ދާއިރާއަށް ވަރަށް ޝައުގު ހުންނަ ބައެއް ކަމަށާއި ހުނަރުތައް އިތުރަށް ތަރައްޤީކުރެވޭނެ އިތުރު ގޮތްތަކެއް ބޭނުންވާ ކަމަށެވެ. ސެޓްފިކެޓް ދިނުަމަށް ބޭއްވި ރަސްމިއްޔާތުގައި މި ވޯކްޝޮޕްގެ މުދައްރިބެއް ކަމަށްވާ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ފެސިލިޓޭޓަރ ޑރ. އަބިލޭޝް ޕިއްލޭ ވިދާޅުވީ ދިވެހިންނަކީ ހުނަރުވެރި ބައެއް ކަމަށާއި ޚާއްސަކޮށް މި ވޯކްޝޮޕުން ވަރަށް ހުނަރުވެރި ފަންނާނުން ފެނިގެން ދިޔަކަމަށެވެ. "ވަރަށްގިނަ ގައުމުތަކަށް ދެވިއްޖެ މިކަހަލަ ވޯކްޝޮޕްތައް ހިންގަން. އެކަމަކު ރާއްޖެއިން މިފެނުނު ވަރުގފެ ހުނަރުވެރިން ފެންނަނީ ވަރަށް މަދުން. ދިވެހިން މިފަދަ ކަމަކަށް ބޭނުންވެފަ ތިބި މިންވަރު ވަރަށް ރަނގަޅަށް ހާމަވެއްޖެ." ދރ. ޕިއްލޭ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގައި ޕަރފޯމަންސް ޑިޕާޓްމަންޓެއް ހެދުމަށް ވިސްނާ ކަމަށާއި އިންޑިއާގެ އިންސްޓިޓިއުޓްގައިވެސް އަރޓްސްގެ ދާއިރާއިން މުހިންމު ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ. އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހު ވިދާޅުވީ އެމްއެމްއައިއާއި ގުޅިގެން ރާއްޖެއަށް މިފަދަ ޕްރޮގްރާމްތައް ގެނައުމުގައި އަބަދުވެސް މަރުޙަބާ ކިޔާކަމަށެވެ. އަދި ބޭނުންވަނީ އެމްއެމްއައިއަކީ މި ދާއިރާއަށް ތަމްރީން ލިބިފަތިބި މޮޅެތި މީހުން ނެރޭ ތަނަކަށް ހެދުން ކަމަށެވެ. މިމަހުގެ 22 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އިންޑިއާގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ތަޖުރިބާކާރު 3 ޕްރޮފެސަރުންނެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު