
ރާއްޖޭގެ އެންމެބޮޑު އިންޝުއަރެންސް ކުންފުނި ހަފުތާއަކަށް ބަންދުކޮށްފިއެވެ.

އެކުންފުނިން ބުނީ މިއީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅާއި އެއްގޮތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މި ދުވަސްތަކުގައި އޮންލައިންކޮށް ޚިދުމަތްތައް ލިބޭނެ ކަމަށެވެ.
އެގޮތުން މޯބައިލް އެޕާއި myallied.mv އާއި އީ-މެއިލް މެދުވެރިކޮށް، ޚިދުމަތަށް އެދެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.
"އިންޝުއަރަންސް ޕްލޭންތަކަށް އެޕްލައި ކުރުމާއި ކްލެއިމް ސަބްމިޝަނާއި މޮޓޯ އިންޝުއަރެންސާއި ބިދޭސީންގެ އިންޝުއަރެންސާއި އެލައިޑުން ފޯރުކޮށްދޭ އިސްލާމިކް އިންޝުއަރެންސް ކަމުގައިވާ ތަކާފުލް ޚިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ. އަދި ފައިސާ ބަލައިގަތުމާއި ފައިސާ ދޫކުރުމުގެ ޚިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ." އެލައިޑުން ބުންޏެވެ.
މިފަދަ ފިޔަވަޅެއް އެޅީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންނާއި ކަސްޓަމަރުންނާއި މުޅި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބޭނުމުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އެހެންކަމުން ޚިދުމަތްތައް ދިނުމުގައި ކުންފުނިތަކުން ވީހާވެސް ބޮޑަކަށް އެކަކު އަނެކަކު ކޮންޓެކްޓް ނުވާނެ ގޮތްތައް އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ކުންފުނިތަކުން އަންނަނީ ތައާރަފް ކުރަމުންނެވެ. އަދި މަސައްކަތުގެ ވަގުތުތަކަށްވެސް އަންނަނީ ބަދަލު ގެންނަމުންނެވެ.
އެކުންފުނިން މިގޮތަށް ޢަމަލުކުރި އިރު، ސަރުކާރުގެ އޮފީސްތައްވެސް ވަނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފައްޗާ ހަމައަށް ބަންދުކޮށްފައެވެ.