ދުނިޔޭގެ ޑައުންސިންޑްރޮމް ދުވަސް ފާހަގަކުރުމަށް ސްޕެޝަލް އޮލީމްޕިކްސް މޯލްޑިވްސްގެ ފަރާތުން ކުޑަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އެތަނުން ބުނީ މިދުވަސްވަރު މިކަހަލަ ދުވަހެއް ފާހަގަ ކުރުމަށް މާބޮޑު ޙަރަކާތްތަކެއް ބޭއްވުން ބުއްދިވެރިއެއް ނޫން ކަމަށެވެ.
ނަމަވެސް މިފަދަ ދުވަސް ވަރެއްގައިވެސް މިކުދިންގެ ސިކުނޑި އިތުރަށް ޙަރަކާތްތެރިކޮށް ތަރައްޤީ ކުރުމަށްޓަކައި އެސް.އޯ.މޯލްޑިވްސް އިން ކުދިންނަށް މިފުރުޞަތު ހުޅުވާލީ ކަމަށެވެ.
އެގޮތުން 21 މާރިޗު 2020 ވާ ހޮނިހިރު ދުވަހަކީ (މާދަމާ) އަކީ ދުނިޔޭގެ ޑައުންސިންޑްރޮމް ދުވަސް ކަމަށްވާތީ، ސްޕެޝަލް އޮލީމްޕިކްސް މޯލްޑިވްސްގެ ފަރާތުން މިދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ ކުއްޖަކުވެސް މި ދުވަސް ރަމްޒުކޮށްދޭ (ޑައުންސިންޑްރޮމް ދުވަސް) ކުރެހުމެއް ތައްޔާރުކޮށްލުމަށް ވަނީ އެދިފައެވެ.
މި ކުރެހުމުގެ މަތީގައި ކުއްޖާގެ ނަން ޖެހުމަށާއި ކުއްޖާ އެކުރެހުން ހިފައިގެން ހުއްޓަ ފޮޓޯއެއް ނަގައި، އެސް.އޯގެ ވައިބަރ ނަންބަރަށް ފޮނުވައިދިނުމަށްވެސް އެސްއޯ މޯލްޑިވްސް އިން އެދެއެވެ.
"އަޅުގަނޑުމެން ބޮޑަށް އެދެނީ ކުއްޖާ އާއިއެކު ކުރެހުމުގެ ފޮޓޯ ފޮނުވައިދިނުމަށް. ނަމަވެސް ކުއްޖާގެ ފޮޓޯ ފޮނުވަން ބޭނުން ނުވާ ފާރާތްތަކުން ހަމައެކަނި ކުރެހުމުގެ ފޮޓޯއެއް ފޮނުވައި ދިނަސް އެންމެ ރަނގަޅު." އެސްއޯ މޯލްޑިވްސް އިން ހޯރައޮންލައިނަށް ބުންޏެވެ.
މި ކުރެހުންތައް ވައިބަރ ކުރާނީ އެސް.އޯ.މޯލްޑިވްސް ވައިބަރ ނަންބަރ 7939944 އަށް ކަމަށާއި މިގޮތަށް ފޮނުވާ ކުރެހުންތައް، އެސް އޯގެ ފޭސްބުކް ޕޭޖު، ޓުވިޓަރ އަދި އިންސްޓަގްރާމްގައި ޝާއިޢު ކުރެވޭނެ ކަމަށްވެސް އެފަރާތުން ބުންޏެވެ.
ކުރެހުންތައް ފޮނުވުމުގެ ސުންގަޑިއަކީ މާދަމާރޭ 12 ޖެހުމާއި ހަމައަށް ކަމަށްވެސް އެސްއޯ މޯލްޑިވްސް އިން ބުންޏެވެ.