ދުނިޔެ
ކޮވިޑް19: ޕޮޒިޓިވްވި މީހުންގެ އަދަދު ތިން މިލިޔަނަށް ވުރެ މައްޗަށް
ކޮރޯނާވައިރަސް "ކޮވިޑް-19" ޖެހުނުކަން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ތިން މިލިޔަނަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. 

ޗައިނާގެ ވޫހާން ސިޓީން ޑިސެމްބަރު 31 ވަނަ ދުވަހު އުފަންވި މި ބަލީގައި މިހާތަނަށް ވަނީ 207,933 މީހުން މަރުވެފަ އެެވެ. އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވި ނަމަވެސް 888,544  މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދުވަނީ 3,015,300 އަށް އަރައިފަ އެވެ. 

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި ވަނީ އެމެރިކާގައެވެ. އެމެރިކާގައި އެރޯގާއަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިލިޔަނަކާ ގާތްވެފައިވާއިރު 55 ހާހަށް ވުރެ ގިނަ މީހުންވަނީ މަރުވެފަ އެވެ. 

ކޮވިޑް-19ގެ ތަފާސްހިސާބުތައް އިތުބާރު ހުރި ގޮތެއްގައި ބަލަހައްޓަމުން ގެންދާ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ލައިވް ޓްރެކާ ދައްކާގޮތުން އިޓަލީން 197,675 މީހުން ޕޮޒިޓިވްއިރު 26،677 މީހުން ވަނީ މަރުވެފަ އެވެ. ފްރާންސް އިން 162،100 މީހުން ޕޮޒިޓިވްވެ 22،856 މީހުން މަރުވިއިިރު ޖަރުމަނުން ވަނީ 157,946 މީހުން ޕޮޒިޓިވްވެ 5،986 މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމާގައި ފަރުވާކުޑަކުރެވި، ގައުމުތަކުން މިހާރު އަޅާފައިވާ ލޮކްޑައުންތައް މާ އަވަހަށް އުވާލައިފިނަމަ، ބަލި އަނެއްކާވެސް ފެތުރިގެން ހިނގައިދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ. 

އެ ޖަމިއްޔާގެ އެންމެ އިސްވެރިޔާ ޑރ. ޓެޑްރޯސް ވިދާޅުވީ، ބަލި ފެތުރުމާ ދެކޮޅަށް ގިނަ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް މާ އަވަހަށް ލުއި ކުރަން ފަށައިފިނަމަ، "ބަލީގެ ހުޅުގަނޑު އަނެއްކާވެސް ފަޅައިގެން" ހިނގައިދާނެ ކަމަށެވެ.ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ. އިން ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު