ޚަބަރު
ޝައިހު ހުސައިން ވަނީ ޝަރުއީ ދާއިރާގެ ކުރިއެރުމަށް ހިދުމަތްތަކެއް ކޮއްދެއްވައިފައި: ރައީސް
ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި މާފަންނު ނޫހިރި އައްޝައިޚް ޙުސައިން ޔޫސުފް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޢާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، ޙުސައިން ޔޫސުފް އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ޙުސައިން ޔޫސުފް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. އަދި މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ. އަދި އެ މަރްޙޫމްގެ ފުރާނައަށް މާތްﷲ ހެޔޮ ޖަޒާ ދެއްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އައްޝައިޚް ޙުސައިން ޔޫސުފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު ރޭގެ ވަގުތެއްގައި އިންޑިޔާގައެވެ. އަވަހާރަވީއިރު ޢުމުރަކީ 78 އަހަރެވެ.

އައްޝައިޚް އަލްމަރްހޫމް ޙުސައިން ޔޫސުފަކީ، 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ ބޮޑު އިސްޓޯރުގެ ކާތިބުކަމެވެ. އޭގެފަހުން، ވުޒާރަތުލް މަޢާރިފުގެ ކާތިބުކަންވެސް ކުރެއްވިއެވެ.

އައްޝައިޚް އަލްމަރްޙޫމް ޙުސައިން ޔޫސުފް، މަދީނަތުލް މުނައްވަރާގެ އިސްލަމިކް ޔުނިވަރސިޓީއިން ޝަރުޢީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ޤާޟީކަމެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޟީކަމާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ޖުޑީޝަލް އެފެއާޒް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޖުޑީޝަލް އެފެއާޒް ކަމުގެ މަގާމާއި، އެގެޒެކްޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި ޤާނޫނީ ކަންކަމަށް ލަފާދޭ ޚާއްޞަ މުޝީރުކަން ކުރެއްވިއެވެ. ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 14 ޖޫން 2003 ގައެވެ.

ޙުސައިން ޔޫސުފް އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގައެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާގެ ވަރަށް އިސް މަގާމުތަކެއްގައި ހުންނަވައިގެން އެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ.

އައްޝައިޚް އަލްމަރްހޫމް ޙުސައިން ޔޫސުފަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަކީލުކަމުގެ މަގާމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ޚާއްޞަ މުޝީރުކަމުގެ މަގާމާއި، މަދްރަސަތުލް ޠައިބާގެ ޢަރަބި އިސްލާމް ކިޔަވައިދޭ މުދައްރިސް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު