ޚަބަރު
މިއީ ފަތުރުވެރިން އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތެއް ނޫން: މިނިސްޓަރ
ކޯވިޑްއަށްފަހު އަލުން ފަތުރުވެރިކަން ފަށާއިރު މިއީ ޤައުމުތަކުން ފަތުރުވެރިން އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތު ނޫންކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވާ އިރު ރާއްޖެ އަލުން ހުޅުވައިލާ އިރު އަންނަ ޓޫރިސްޓުންގެ އަތުން ޓެކުހެއް ނެގުމަށް އިގްތިސާދީ ކޮމިޓީން ޓޫރިޒަމް މިނިސްޓްރީ އަށް ލަފާދީފައިވެ އެވެ. 

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯގެ މާކެޓް އިންޓެލިޖެންސް އެންޑް ކޮޝްޕެޓިޓިވްނެސް ޑިޕާޓްމަންޓްގެ އިސްވެރިންނާއެކު މިއަދު ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަންޒިލްގެ ރައްކާތެރިކަން އިތުބާރަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ބިންގާ ކަމަށާއި، ރާއްޖޭގެ ބޯޑަރު ހުޅުވާނީ އެ އިތުބާރާއެކުކަމަށެވެ. މި ހާލަތުގައި މުޅި އިގްތިސާދު ހުއްޓުމަކަށް އައިސް އާންމުންގެ ދިރިއުޅުން ވެސް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ގައުމުތަކަށް ކުރިމަތިވެފައިވާ ހާލަތެކޭ އެއްގޮތަށް ރާއްޖެ އިން ވެސް މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިގްތިސާދީ ހަރަކާތްތައް ފަށައިގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި މުޅި ދުނިޔެ ވެސް ސަމާލުވާންވީ އިތުރަށް މި ބަލީގެ ހާލަތު ގޯސްވިޔަނުދީ ހުރިހާ ފަރާތްތައް ގުޅިގެން ގައުމުތަކުގެ ބޯޑަރުތަކާއި އެއާޕޯޓުތަކާއި އަދި ޓޫރިޒަމް ފެސިލިޓީތަކުގައި ބައިނަލްއަގްވާމީ އެއް މިންގަނޑުތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ކޯވިޑްއަށްފަހު ފަތުރުވެރިކަން އަލުން ފެށުމަށް ޤައުމުތަކުން މަސައްކަތްކުރަމުންދާއިރު، ރާއްޖެއިންވެސް ދަނީ އެކަމަށް ތައްޔާރުުވަމުންނެވެ. މިގޮތުން ފަތުރުވެރިން ގެނައުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކުގެ ދެލިކޮޕީއެއް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކާއެކު ދަނީ މަޝްވަރާކުރަމުންނެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލައި ރިސޯޓުތައް ވެސް ހުޅުވުމަށް ހުއްދަ ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު