
އެލައިޑުގެ އައްޑޫ އޮފީހުގެ ޚިދުމަތް އަލުން ފަށައިފިއެވެ.

ރާއްޖޭގެ އެންމެބޮޑު އިންޝުއަރެންސް ކޮމްޕެނީން ބުނީ ކޮވިޑް-19 ފެތުރެން ފެށުމުން، ޚިދުމަތް މެދުކަނޑާލާފައިވާ އެ އޮފީހުގެ އައްޑޫ ބްރާންޗުގެ ޚިދުމަތް އަލުން ފަށާފައިވާ ކަމަށެވެ. އަދި ޚިދުމަތް އަލުން ފަށާފައިމިވަނީ ބަންދުކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހިންގާ މި އޮފީހުގެ ޚިދުމަތް ކުރިއެކޭ އެއްގޮތަށް ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އާ ހަމައަށް ލިބޭނެ ކަމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާރޗް މަހުގެ 19 ގައި އޮފީސް ބަންދުކުރި ނަމަވެސް އެލައިޑުން އެސިޓީގައި ދޭ ޚިދުމަތްތައް އޮންލައިންކޮށް ދެމުން ގޮސްފައިވާ ކަމަށްވެސް އެލައިޑުން ބުނެފައިވެއެވެ.
އެ އޮފީހުން ޚިދުމަތް ދޭން ފެށި ނަމަވެސް އޮންލައިންކޮށްވެސް ޚިދުމަތްތައް ހޯދޭނެ ކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑުން ބުނީ ޚިދުމަތް ހޯދަންދާ މީހުން މާސްކް އެޅުމަށާއި ސޯޝަލް ޑިސްޓެންސިން އަށް އިސްކަން ދޭން ޖެހޭނެ ކަމަށާއި އެކަންކަން އެގޮތަށް ކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
އެލައިޑުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް އޮފީހުގެ ކަންކަން އިންތިޒާމުކޮށްފައިވާ ކަމަށެވެ.