ޚަބަރު
ކަރަންޓް ބިލް ބޮޑުވި މައްސަލަ ވެސް މަޖިލީހަށް
ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާ އެކަމާ ގުޅިގެން ސްޓެލްކޯ ޖަވާބުދާރީ ކުރުމަށް ހުށައަޅައިފި އެވެ.

ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. މީކާއިލް ހުށަހެޅި މި މައްސަލާގައި ބުނެފައި ވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތައް އާދަޔާއި ޚިލާފަށް ބޮޑުވެފައިވާ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާކަމަށެވެ. އަދި އެބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސްތަކުގެ ކަރަންޓު ބިލާއި އަޅާކިޔާ އިރުވެސް ޖޫން މަހުގެ ބިލު އެތައްގުނައެއް ބޮޑުވެފައި ހުރިކަމަށެވެ. 

"..އެހެން ކަމުން ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް މާލީ ގޮތުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ސަބަބު، މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދެއްވުމަށް އެދި ދެންނެވީމެވެ،" މީކާއިލްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޖޫން މަހުގެ ކަރަންޓު ބިލު އެތައް ގުނައެއް ބޮޑުވެފައިވާކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައި ވަނީ ބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާ ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށެވެ.

ފުރަބަންދާއި އެކު ސަރުކާރުން ކަނޑައަޅާފައިވާ ޕެކޭޖްތަކުގެ ތެރޭގައި ޔުޓިލިޓީސް ބިލްތަކުން ޑިސްކައުންޓް ދޭން ހަމަޖެއްސުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ މިދިޔަ އެޕްރީލް މަހާއި މެއި މަހުގެ ކަރަންޓް ބިލުން ވަނީ 40 ޕަސެންޓް އުނިކޮށްދީފައެވެ. އެ ޑިސްކައުންޓާ އެކު އާންމުން ދައްކަން ޖެހުނު ބައި އޮތީ ކުޑަވެފަ އެވެ. ސަރުކާރުން ވަނީ އެޕްރީލް މަހާއި މޭ މަހު، ކަރަންޓް ސަބްސިޑީ އަށް 27 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު