
ސްޓެލްކޯގެ އޮފީހުގައި މިއަދު ބޭއްވި އިންފޮމޭޝަން ސެޝަނެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ބިލްތަކަށް 40 ޕަސެންޓް ސަބްސިޑީ ދިނުމުގެ އިތުރުން، ބިލް ދައްކަން ދަތިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.މުޣުނީ ވިދާޅުވި ގޮތުގައި ބިލްތައް ބަހައިލުމުގެ އިންތިޒާމް ހަމަޖައްސާނީ ކަސްޓަމަރުންގެ ހާލަތު ބަލައި، އެ ކަސްޓަމަރެއްގެ ހާލަތާ ގުޅޭ ގޮތަށް ކަމަށެވެ. ބިލްތައް ބަހައިލަން އެދޭ ފަރާތްތަކުން ފޯމް ފުރުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެ މަސް ދުވަހަށް ހުޅުވައިލާނެ އެވެ."އަޅުގަނޑުމެންގެ ކަސްޓަމަރުން އަޅުގަނޑުމެންނާ ހަމައަށް ގެންނަ ކޮންމެ ކަންބޮޑުވުމަކީ އަޅުގަނޑުމެން ހަމަ ވަރަށް ސީރިއަސްކޮށް ބަލާ ކަމެއް. އަޅުގަނޑުމެންގެ ފަރާތުން ކޮށްްދެވެން އޮންނަ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮށްދެން." މުޣުނީ ވިދާޅުވި އެވެ.ގިނަ ބަޔަކު ވަނީ ޖޫން މަހުގެ ކަރަންޓް ބިލް ވަރަށް ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ލޮކްޑައުންގެ ކުރިން އައި ބިލްތަކާއި ޖޫން މަހުގެ ބިލްގައި ހުރި ތަފާތުތައް ވަނީ ހިއްސާކޮށްފައެވެ. ބައެއް ބިލްތައް ތިންގުނަ އަދި ހަތަރު ގުނަަވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން ހާހެއްހާ ރުފިޔާ ކުރިން ނާރާ ގޭގޭގެ ބިލްތަކަށް މިފަހަރު ވަނީ 4،000 ރުފިޔާ އަރާފައެވެ.