ޚަބަރު
ސަރުކާރަށް އެކަނި ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ: ޑރ. ޖަމްޝީދު
ކުރީގެ ހެލްތް މިނިސްޓަރ ޑރ. އަހުމަދު ޖަމްޝީދު
ކޮވިޑް-19 އިގެ ބަލި ހިމެނޭ ގޮތަށް ބާރަށް ފެތުރެމުންދާ ބަލިތައް ސަރުކާރަށް އެކަނި ކޮންޓްރޯލް ނުވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.

ޖަމްޝީދު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 ފެތުރުން އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ވެސް މަޖުބޫރުކޮށްފައެވެ.

ޖަމްޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް އެކަނި ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި ބަލިތައް ކޮންޓްރޯލް ކުރެވޭނީ އާންމުންނާއި މުޅި މުޖުތަމައު އިން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކޮށްގެން ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް އެމީހެއްގެ އުޅުން ހުންނަ ގޮތް ބެލުން މުހިއްމު ކަމަށާއި އެއަށްފަހު އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން ބަލައި ބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ޖަމްޝީދު ވަނީ ގޮވާލާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކަށް ސަރުކާރުން ދިން ބޮޑު ލުޔާއެކު، އެ ބަލީގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި ބަލި ފެތުރުން ވަނީ ގިނަވެފަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ހަވީރު 6 ން އިއްޔެ ހަވީރު 6 އާ ހަމައަށް އަލަށް 156 މީހަކަށް ކޮވިޑް ޖެހުނުއިރު އޭގެ ތެރެއިން 134 މީހުންނަކީ ދިވެހިންނެވެ. މިއީ މާޗް 7 ގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހުނު ދުވަހެވެ. މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް ކޮވިޑް ޖެހުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު 92 ދިވެއްސަކަށް އެ ބަލި ޖެހުނު ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަހައްދުގައި ކަމަށް ވާތީ، އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން އެޗްޕީއޭ އިން މިހާރު ވަނީ މަޖުބޫރު ކޮށްފަ އެވެ. އެ އެންގުމާ ޚިލާފުވާ މީހުން އިއްޔެ މެންދުރު 1 ން ފެށިގެން ވަނީ 1،000ރ. އިން ޖޫރިމަނާ ކުރަން ފަށައިފަ އެވެ. އެގޮތުން އިއްޔެ މެންދުރު 1 ން ރޭގެ 9 އާ ހަމައަށް 116 މީހަކަށް ފުލުހުން ނަސޭހަތް ދީ، ހަތަރު މީހަކު ޖޫރިމަނާ ކުރި ކަމަށް އެޗްއީއޯސީން ރޭ ބުންޏެވެ.

އެ ސެންޓަރުން ބުނިގޮތުގައި ރެއާ ހަމައަށް ރާއްޖޭގައި ވަނީ ކޮވިޑަށް ޓެސްޓު ކުރުމަށްޓަކައި 79،817 ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވީ 3،949 މީހެކެވެ. ބަލިން 2،613 މީހަކު ރަނގަޅުވިއިރު، މިވަގުތު ވެސް 1،305 އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. މި ބަލީގައި ރާއްޖޭން މިހާތަނަށް 17 މީހަކު މަރުވެފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު