ޚަބަރު
ތިން ޓެކްސް އާއި ފީތައް ބޮޑުކުރުމުގެ ބިލު ބަލައިގަނެ ކޮމިޓީއަށް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުތައް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ސަރުކާރުން ހުށަހެޅީ ޓުއަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކެއްގެ ތެރެއިންނެވެ. އެއާޕޯޓު ފީ އަދި ޓެކްސްތައް ބޮޑު ކުރަނީ ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ މީހުންނާ ގުޅޭ ގާނޫނަށް ގެންނަ އިސްލާހުތަކަކުންނެވެ.

ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި ބިލު ބަލައިގަންނަން ފާސް ކުރީ 58 ވޯޓުންނެވެ. އެ ބިލު ބަލައިނުގަންނަން 10 މެންބަރަކު ވޯޓު ދިނެވެ. ވޯޓުގައި ބައިވެރިވީ ޖުމުލަ 68 މެންބަރުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދިނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. އެއާޕޯޓުގެ ފީތަކާއި ޓެކްސްތައް ބޮޑުކުރުމުގެ ބިލު ބަލައިގަތުމަށް ނެގި ވޯޓު ވެސް ދިޔައީ ހަމަ އެގޮތަށެވެ.

އެހެންކަމުން ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެ ބިލުތައް ދިރާސާ ކުރުމެވެ. ބިލުތައް ދިރާސާ ކުރުމަށްފަހު އަލުން ތަޅުމަށް ފޮނުވުމުން، ބިލާމެދު ގޮތެއް ނިންމާނީ ތަޅުމުންނެވެ. އަނބުރާ ކޮމިޓީއަށް ފޮނުވަން ނުވަތަ ބިލު ފާސް ކުރަން ވެސް ތަޅުމުން ނިންމިދާނެ އެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ރާއްޖޭގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ދައްކަން ޖެހޭ ގްރީން ޓެކްސްގެ އަދަދު ތިން ޑޮލަރުން ހަ ޑޮލަރަށް ބަދަލުކުރަން ހުށަހަޅައިފައެވެ. އަދި 2025ގެ ފަހުން އެ އަދަދު 12 ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަަހަޅައިފައެވެ.

އެއާޕޯޓު ފީ ބޮޑު ކުރަން ނިންމާފައިވަނީ އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް، ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އަދި ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު