ދީން
ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބޭށެވެ
މި ރޯދަމަހުގެ 27 ވިލޭރޭގެ ދަމުނަމާދު ކުރަނީ - ފޮޓޯ: މިހާރު
މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއްނޫން ކަމަށާއި، އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲ ކަމާއި އެހެންކަމުން މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެކަމަށްް މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ރަމަޟާން މަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެވެ!" މިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ފުރިހަމަ މުއުމިނަކު، ދުވަހަކުވެސް ހެޔޮ އަމަލުކުރުމަކަށް އަލްވަދާއެއް ނުކިޔާނެ ކަމަށާއި އެހެންކަމުން ޔަގީންވެގެންވާ މަރު ބައްދަލުކޮށްފުމަށް ދާންދެން އޮތީ ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުން ކަމަށެވެ.

"އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީ ދެމިތިބޭން ޖެހެއެވެ. ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަގީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އަޅުކަންކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫން ކަމަށާއި އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲ ކަމަށެވެ. އަދި މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

"މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ..،" ހުތުބާގައި ބުންޏެވެ.

ނިމިގެން މި ދާ ރަމަޟާން މަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލަން ޚުތުބާގައި ގޮވާލެއްވިއެވެ. އަދި ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ޤަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުރުމަށާއި ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބަލުމަށް ޚުތުބާގައި ނަސޭހަތްތެރިވި އެވެ.

"ކުރީން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެން ނުވާނެއެވެ. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާ ގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެއެވެ،" ޚުތުބާގައި ނަސޭހަތްތެރިވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު