ޚަބަރު
ސަރުކާރުތަކާއެކު ހާރިޖީ ސިޔާސަތު ބަދަލުވުން ނިމުމަކަށް ގެނައުމަށް ގޮވާލާ ގަރާރެއް
ސަރުކާރު ބަދަލުވާ ކޮންމެފަހަރަކު ހާރިޖީ ސިޔާސަތު ބަދަލުވެގެންނުދާނެ ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ދެމެހެއްޓުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކޮށް ފުރަތަމަ ކިޔުން އިއްވުމެވެ. 

އީވާގެ ގަރާރުގައި ބުނެފައިވަނީ، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުވެގެންދާ ދިޔުމުގެ ސަބަބުން، ޒަމާނުއްސުރެއް ރާއްޖެއަށް މަދަދުވާ ގައުމުތަކާމެދު އޮތް ދުވަސްވީ ގާތް ރަހުމަތްތެރި ގުޅުން ހީނަރުވާ ކަމަށެވެ. އަދި އެކަމުން ރާއްޖޭގެ ހާރިޖީ ގުޅުމަށް ދާއިމީ ގޮތެއްގައި ނޭދެވޭ އަސަރުކުރާނެތީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ބަދަލުވެގެން ނުދާނެ ގޮތުގައި ހާރިޖީ ސިޔާސަތު ދެމެހެއްޓުމަށް މި ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

ގަރާރުގައި ބުނެފައިވަނި ހާރިޖީ ސިޔާސަތަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތާ ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެންމެ އަހައްމިޔަތުކަމެއް ދޭންޖެހޭކަމުގެ ގޮތުގައި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިފަހައްޓަންޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގައިވެސް އަދި ދިވެހިރާއްޖެއިން ބޭރުގައިވެސް، ދިވެހިރައްޔިތުންނަށް ކުޑައިމީސްވާގޮތަށް، ނުވަތަ ދިވެހިރައްޔިތުންގެ ހައްޤަކަށް އެއްވެސް އުނިކަމެއް އަންނާނެގޮތަށް ސަރުކާރުން އަމަލުކޮށްގެންނުވާނެއެވެ. އަދި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިންނަށް ދިވެހިރާއްޖެއިން ބޭރުން ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވުމަށް އޮތް މަގު ބަންދުވެގެން ނުވަތަ ހަނިވެގެން ނުވާނެއެވެ." އީވާގެ ގަރާރުގައި ބުނެފައިވެއެވެ.

ގައުމުގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމުުގެ ތެރެއަށް ގައުމުގެ ހާރިޖީ ސިޔާސަތު ވަދެގެންދާތަން މިއަދު ފެންނަމުންދާ ކަމަށާއި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުވެގެންދާ ކަމަށް ގަރާރުގައިވެ އެވެ.

"ގައުމުގެ ހާރިޖީ ސިޔާސަތު ކުއްލިއަކަށް ބަދަލުވެގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެކި ގޮތްގޮތުން މި ކުޑަކުޑަ ދިވެހިރާއްޖެއަށް މަދަދުވެރިވާ ގައުމުތަކާމެދު އޮތް ދުވަސްވީ ގާތް ގުޅުން މިދަނީ ހީނަރުވަމުން،" ގަރާރުގައި ބުނެފައިވެ އެވެ.

ގައުމުގެ ހާރިޖީ ސިޔާސަތަކީ އަންނަ ކޮންމެ ސަރުކާރަކުންވެސް އެއަށް އިހުތިރާމުކޮށް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ސިޔާސީ ފައިދާއަށް ގައުމުގެ ހާރިޖީ ސިޔާސަތު ބޭނުންނުކުރެވޭނެ ގޮތަށް ބައްޓަންކުރުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު