ދުނިޔެ
ގާޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން މި ޤަރާރާ އެއްކޮޅަށް ވޯޓު ދީފައިވާއިރު, އެމެރިކާއިން އެއްވެސް ކޮޅަކަށް ވޯޓުލާފައެއް ނުވެއެވެ. 

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުން އަންނަ ރަހުމުކުޑަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާއިރު، މިހަނގުރާމައިގެ ސަބަބުން މިހާތަނަށް 30،000 އަށްވުރެ ގިނަ ޣައްޒާގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

ބެލެވޭ ގޮތުގައި އެމެރިކާއިން ވޯޓު ނުދިނީ، ހަމަލާތައް ހުއްޓާލުމުގެ ޝަރުތެއްގެ ގޮތުގައި އަސީރުން މިނިވަން ކުރުން ގުޅުވާފައި ނެތުމުންނެވެ.

އެ ގަރާރު ފާސް ކުރުމާއެކު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، "އެ ގަރާރު ތަންފީޒު ކުރަންޖެހޭނެ" ކަމަށާއި ތަންފީޒު ނުވެއްޖެ ނަމަ އެކަން ވާނީ "ގަބޫލު ނުކުރެވޭނެވަރުގެ ބަލިވުމެއް" ކަމަށެވެ.

މި ގަރާރު ފާސްކުރި ވޯޓަށް ފަހު ވާހަކަދައްކަމުން އދ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަ މަންދޫބު ލިންޑާ ތޯމަސް ގުރީންފީލްޑް ބުނެފައިވަނީ މި ޤަރާރު މިހާދުވަހު ފާސް ނުވެ އޮތީ ހަމާސް ޖަމާއަތުގެ ސަބަބުން ކަމަށެވެ. އަދި މި ގަރާރުގައިވާ ހުރިހާ ނުކުތާ އަކަށް އެމެރިކާ އަށް އެއްބަސް ނުވެވޭ ކަމަށާއި މި ޤަރާރު ފާސްކުރަން ނެގި ވޯޓުގައި އެމެރިކާ އިން ބައިވެރިނުވީ އެސަބަބާއި ހުރެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު