ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް
އަލީ ރާޒީ
22 މެއި 2024 - 19:19
0 comments
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު -- ފޮޓޯ: ސަން
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ފަލާހު، އަދި ސީނިއާ ޑެޕިއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހަމަޖެއްސުމަށް ނިންމައިފިއެވެ.ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި ޕީއެންސީގެ ޕީޖީ ލީޑަރާއި ނައިބް ލީޑަރު ކަމަށް ބޭފުޅުންގެ ނަންތައް ކަނޑައެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މިނަންތައް ހުށަހެޅުއްވީ ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާއި، ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ޕީއެންސީ އަދި ޕީޕީއެމްގެ އިސްވެރިންނާ އެކު މިއަދު މުލިއާގޭގައި ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ.ރައީސް ހަމަޖައްސަވާފައި ވަނީ ޕީޖީ ގުރޫޕްގައި ހަތަރު ނާއިބު ލީޑަރުން ތިއްބަވާ ގޮތަށެވެ. އަދި އެ ބޭފުޅުންގެ ތެރޭގައި ސީނިއާ ޑެޕިއުޓީ ލީޑަރަކު ހަމަޖެއްސެވުމަށެވެ. ރައީސްގެ ނިންމެވުމަކީ؛- އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް - ޕީޖީ ލީޑަރު
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު - ސީނިއާ ޑެޕިއުޓީ ލީޑަރު
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް - ޑެޕިއުޓީ ލީޑަރު
- ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު - ޑެޕިއުޓީ ލީޑަރު
- ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް - ޑެޕިއުޓީ ލީޑަރު
ރައީސްގެ މި ނިންމެވުމާ އެކު 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ވެވަޑައިގަންނަވާނީ ފަލާހު އެވެ. ދެން މަޖިލީހުގައި އެންމެ ގިނަ އިން ތިއްބަވާނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުންނެވެ. އެއީ 11 މެންބަރުންނެވެ. މައިނޯރިޓީ ލީޑަރަކަށް ވެވަޑައިގަންނަވާނީ އެ މެންބަރުންގެ ތެރެއިން އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ވަޑައިގަންނަވާ މެންބަރެކެވެ.
ވިހިވަނަ މަޖިލީސް ފަށާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ހެނދުނު މެންބަރުން ހުވާ ކުރުމުގެ ހާއްސަ ދަރުބާރު އޮންނާނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު