ޚަބަރު
ކޯޕަރޭޝަންގެ ހުރިހާ ހައްޖުވެރީން ވެކްސިން ފުރިހަމަ ކުރި
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އެންމެން ޓްރެވަލް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަޢުދީ އަރަބިޔާއަށް ދަތުރުކުރި ހުރިހާ ހައްޖުވެރިން ވެސް ވަނީ ސައުދީ ހައްޖު މިނިސްޓަރީގެ ގައިޑްލައިންތަކާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ ކޯޕަރޭޝަނުން ބުނީ ހުރިހާ ހައްޖުވެރިން ވެސް އައީ ޕޯލިއޯ، މެނިންގްޖައިޓީސް އަދި އިންފުލުއެންޒާ ވެކްސިން ވެސް ފުރިހަމަކޮށްގެންކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކޯޕަރޭޝަންގެ މެނޭޖްމެންޓުން އެންމެ ޚާއްސަ ސަމާލުކަމެއްދޭ ކަންތައް ކަމަށެވެ.

ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކޮލްގެ ކޭސް އެއް މިއަދު ރާއްޖެއިން ވަނީ ފެނިފަ އެވެ.

މެނަންޖައިޓިސް ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ މި ބަލީގެ ނުރައްކާ، ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބޮޑެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. އަދި އެ ބަލި ޖެހުމުން ކުއްލިއަކަށް މީހާގެ ހާލަތު ގޯސްވެ އެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް

- ހުންއައުން

- ބޮލުގައި ރިއްސުން

- ކަނދުރާ ވާންވުން

- މޭނުބައިކޮށް ހޮޑުލެވުން

- ވާނުވާ ނޭނގޭ ގޮތްވުން

- ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން

- ފިޓުޖެހުން

- އަލި ގަދަވުމުން އުނދަގޫވުން

- ވަރުދެރަވުން

- ނޭވާ އަވަސްވުން

މެނިންޖައިޓިސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދީ، ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ. އެހެންވެ، ހައްޖު އަދި އުމްރާއަށް ފުރާ މީހުން ވެސް މަދުވެގެން ދެ ހަފްތާ ކުރިން އެ ވެކްސިން ޖެހުން ރައްކާތެރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު