ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރަައީސް ކަމަށް އަބްދުއްރަހީމް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ހުށަހަޅަން ޕީއެންސީން ފާސްކޮށްފި އެވެ.

ރައީސް މި ނަންތައް ހުށަހެޅުއްވީ މިހާރު މުލިއާގޭގައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިންތިހާބީ މަޖިލިސް މެމްބަރުން އެއްތަންކޮށްގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރަން ރައީސް ހުށަހެޅުއްވި އަބްދުއްރަހީމަކީ، މި ސަރުކާރު ގެންނަން އެންމެ އިސްކޮށް މަސައްކަތް ކުރި އެކަކެވެ. މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިނަވާ އަބްދުއްރަހީމް މި ވަގުތު ވެސް ހުންނެވީ ރައީސްގެ ހާއްސަ އެޑްވައިޒަރުގެ ގޮތުގައި މި ސަރުކާރުގެ އެންމެ އިސް ވަޒީރުގެ މަގާމުގަ އެވެ.

ނާޒިމަކީ މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ތަޖުރިބާކާރު މެންބަރެކެވެ. އެ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާ ތަމްސީލުކުރެއްވި ނާޒިމަށް ގޮނޑި ގެއްލުނީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.

20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 74އަށް އަރާނެއެވެ. އެއީ މަޖިލިސް އިންތިޚާބަށް ފަހު ޕީއެންސީއާ ގުޅިވަޑައިގަތް ހަތް މެންބަރުން ވެސް ލައިގެންނެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު