
ސަރުކާރުގެ ފަރާތުން ސިއްހީ ހިދުމަތުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، ކޮވިޑް ފެތުރުނު ދުވަސްވަރު ވެކްސިން ޖަހައިގެން މަރުވި އާއިލާތަކާއި އެ މީހުންނަށް ހައްގު ހޯދައި ދޭން ޖެހޭ ކަމަށެވެ.އިބްރާހިމް ވިދާޅުވީ ކޮވިޑް މަރުތަކާ ގުޅިގެން ވަކި ކޮމިޓީއެއް އުފައްދައިގެން ވެސް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ."ވަރަށް ގިނަ އާއިލާތަކެއް އަދިވެސް ގިލަންވެރިކަމުގައި އެ ތިބީ ކޮވިޑުގެ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވި އޮތީމާ،" އިބްރާހިމް ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ޕްރިވެންޓިވް ހެލްތު ކެއާ އުސޫލުން މަސައްކަތް ކުރުމުގެ އިތުރުން ފާއިތުވި ތަނުގައި މީހުންގެ ފުރާނަ އަށް ގެއްލުންވާ ކަންކަން ކޮށްފައި ތިބި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެއީ އަދަބު ދެވެން ޖެހޭ ކަމެއް ކަމުގައިވާ ނަމަ އެކަމަށް އަދަބު ދީ ޒިންމާދާރުކުރުން މުހިންމެވެ.އެ ބަހުސްގައި މަޖިލީހުގެ މެޖޯރިޓީ މެންބަރުން ވަނީ ރާއްޖޭގެ ސިއްޚީ ނިޒާމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި އެންމެންގެ ހާލަތު ބެލުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވެސް ވަނީ ގޮވާލައްވާފަ އެވެ.އެ ބަހުސްގައި، ހަމީދު ވިދާޅުވީ، ކޮވިޑް ވެކްސިނަކީ މިހާތަނަށް އެންމެ ރަނގަޅަށް ފަރުމާކުރެވި ތަހުލީލުކުރެވިފައިވާ ވެކްސިނެއް ނޫންކަން ބައިނަލްއަޤުވާމީ އެކި އިދާރާތަކުން ބުނަމުން އަންނަކަމަށާއި އެ ވެކްސިން ޖެހި ފަހުން ރާއްޖޭގައި ގޮތް ނޭނގޭ މަރުތަކާއި ބަލިތައް އިތުރުވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ކޮވިޑްގެ ދުވަސްވަރު، ރާއްޖެ އެތެރެކުރި ވެކްސިނަކީ ކިހާ ރައްކާތެރި ވެކްސިނެއްތޯ ކަށަވަރު ކުރުމަށް އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބެގެން ގޮވަމުން ދިޔަކަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އޭރު ހުންނެވި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްއިން ފަރުވާކުޑަކޮށްލުމުން އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑު ވައްކަންތައް ރާއްޖޭގައި ހިންގާފައިވާ ކަމަށް ޝުޖާއު ވަނީ ތުހުމަތުކުރައްވައިފަ އެވެ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ރާއްޖޭގައި ބަލި ގިނަވެގެންދާ ސަބަބު ބަލައި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ."އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރަކަށް އައިސް ގިނަ ބަޔަކަށް އެކި ފާޑުގެ ކެންސަރު ޖެހޭކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. ވަރަށް ނުރައްކާތެރި ބައްޔެއް މަރާއި ހަނގުރާމަކުރަންޖެހޭ ބައްޔެއް. އެހެންކަމުން މި ކެންސަރު ގިނަވެގެން މިއުޅެނީ ކިހިނެއްތޯ ބަލައި އެކަން ދިރާސާކޮށް އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް ވަރަށް މުހިންމު ކަމެއް." ސައުދު ވިދާޅުވި އެވެ.އެ ބަހުސްގައި މަޖިލީހުގެ މެޖޯރިޓީ މެންބަރުން ވަނީ ރާއްޖޭގެ ސިއްޚީ ނިޒާމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރީ ސަރުކާރުން ސިއްހީ ނިޒާމު ހަލާކުކޮށް އެ ދާއިރާގެ މުވައްޒަފުން ވެސް ހާލުގައި ޖައްސާފައިވާ ކަން މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ރާއްޖޭގެ ސިއްޚީ ހާލަތު ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށާއި އެމްޑީޕީ ސަރުކާރުން މުޅި ނިޒާމު ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ.