ދީން
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ ދީނީ އަދި އަހްލާގީ ވާޖިބެއް: ހުތުބާ
ގާޒާގެ ރަފަހަށް ދިން ހަމަލާއެއްގައި ސުންނާފަތި ކޮށްފައިވާ ގެއެއް ކައިރީގައި ފަލަސްތީނުގެ ކުދިންތަކެއް
ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން އެ މީހުންނަށް އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އަހުލާގީ އަދި ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގެ މިއަދުގެ މައުލޫއުއަކަށް ކަނޑައަޅާފައިވަނީ "ފަލަސްތީނާމެދު އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު" އެވެ. 

ޚުތުބާގައި ބުނީ ގާޒާ އާއި ރަފަހާއި ފަލަސްތީނުގެ އެނޫންވެސް އަވަށްތަކުގައި ސަހްޔޫނީން ހިންގަމުން ގެންދާ އުދުވާނީ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތައިލުމަށްޓަކައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތެކެކެވެ.

އަދި މި ހުރިހާ ޖަރިމާތަކެއް ހިނގަމުން ގެންދަނީ އިންސާނީ ހައްގުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާފުގެ ހަމަތަކާއި މުޅީން ހިލާފަށްކަމަށާއި މި އުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ޝަހީދު ކޮށްލާފައިވާކަމަށްވެސް ހުކުރު ހިތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނީ، ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނާ މެދު ދިވެހީންގެ ހިތްތަކުގައި ލޯތްބާއި ހަމްދަރުދީއާއި އުޚުއްވަތްތެރިކަން ބިންވަޅުނެގިފައިވާ ކަމަށެވެ. އަދި، ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއްކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި މުސްލިމުންނާ ދެކޮޅަށް ކުރާ ހަނގުރާމަތަކާއި، އިސްލާމީ ސަގާފަތާއި އުންމަތުގެ ހަޟާރަތު ފުނޑުފުނޑުކޮށްލަން ހިންގާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަން ކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަދާކުރަންޖެހޭ އަހްލާގީ ވާޖިބުތަކެއްވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމާއި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުޢާކުރުމާއި އިންސާނީ ގޮތުން އެހީތެރިވުމަށް އެންމެން އަތުގުޅުވައިލަންޖެހޭކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާ އާއި ގުޅިގެން އެހީތެރިވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ ދީނީ އަދި އަހުލާގީ ވާޖިބެކެވެ. މާތް ﷲ އަށްޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ." ހުތުބާގައި ބުނެފައިވެ އެވެ.

މި ޖަރީމާތައް ހިންގަނީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފުގެ ހަމަތަކާ ހިލާފަށް ކަމަށް ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. މި އުދުވާންތަކުގައި ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތި އެތައް ހާސް ބަޔަކު ޝަހީދުކޮށް، އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި އެތައް ބަޔަކު ނުކުޅެދޭ ބަޔަކަށް ވެފައިވާކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ 37،000 އަށްވުރެ ގިނަ މީހުން މަރުވެ، 84،074 މީހުން ޒަހަމުވެފައިވާއިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިސްރާއީލު މީހުންގެ އަދަދު ވަނީ 1141 އަށް އަރައިފަ އެވެ.

ގާޒާގައި ހަމަލާތައް ކުރިއަށް ދާއިރު، އެކަން ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތައް ވެސް ކުރިއަށްދެ އެވެ. ނަމަވެސް ހަމާސް ބަލިކޮށް ހަނގުރާމައިގެ މަގުސަދުތައް ހާސިލުނުވާނީސް ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު