ޕީއެންސީ އެތެރޭގެ އިންތިހާބު ފޯރި ގަދަ، ނަމަވެސް ހޯރަފުށި ދާއިރާ ފެންނަނީ ވަނދުކޮށް!
އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު ހއ. ހޯރަފުށި ދާއިރާ ޕީއެންސީ ޓީމް ފެންނަނީ ވަރަށް "ވަނދު" ކޮށެވެ.
މީގެ އެއް ސަބަބަކީ ނިމުނު ކައުންސިލް އިންތިހާބުން ހޯރަފުށި ދާއިރާއިން ސަރުކާރަށް ލިބުނު "ބޮޑު ނާކާމިޔާބުން" އަދިވެސް އަރައި ނުގަތުމެވެ. ހޯރަފުށިން ސަރުކާރު "ބޮޑުކޮށް ބަލިވުމުގެ" ސިޔާސީ ހަގީގަތަށް ވާސިލުވުމަށް ކުރެވޭ ބަހުސްގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ކައުންސިލް އިންތިހާބު ސަރުކާރަށް ގެއްލުނީ އެ އިންތިހާބު "ލީޑް" ކުރަން ހޯރަފުށީގައި ހަރަކާތްތެރިވި ޓީމްގެ "ފެއިލް" ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެއީ ތެދެއްނަމަ ހޮނިހިރު ދުވަހު އޮންނަ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި ޕީއެންސީ ހޯރަފުށި ؛ ލީޑާޝިޕަށް ބަދަލުތަކެއް އަންނަން ޖެހެ އެވެ. ގޮތް ނިންމާނީ ޕީއެންސީގެ މެންބަރުން ނެވެ. ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހއ. ހޯރަފުށީގެ ހުރިހާ ގޮނޑިއެއް ރައްޔިތުން ދިނީ އިދިކޮޅު އެމްޑީޕީއަށެވެ. މީ ސަރުކާރުގައި އޮތް ޕާޓީއަކަށް ހޯރަފުށިން ފަހުގެ ތާރިޙެއްގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. ހޯރަފުށިން ކުރިން ދެއްކި ސިޔާސީ ހަގީގަތަކީ ކައުންސިލް އަބަދުވެސް ދެނީ އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީ އަށެވެ. ނަމަވެސް މިފަހަރު ކަން ވެ ނިމުނީ މުޅިން ތަފާތު ކޮށެވެ. ރައްޔިތުން ކައުންސިލްގެ ހުރިހާ ގޮޑިއެއް ދިނީ އިދިކޮޅު އެމްޑީޕީއަށެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބުތަކަށް ތައްޔާރުވަމުންދާއިރު، ހޯރަފުށިން އެ ޕާޓީގެ މަގާމުތަކަށް ވާދަކުރާނެ މީހުން ނުލިބި ވާދަވެރި އިންތިހާބަކާއި ނުލާ މަގާމުތަކަށް މީހުން "އައްޔަނުކުރަން" ޖެހުމަކީ ހޯރަފުށި ދާއިރާއިން ޕީއެންސީގެ ތާއީދު ދައްވަމުންދާ ކަމުގެ ހެއްކެވެ. ހޯރަފުށި ދާއިރާ "ވަދު"ކޮށް ދިޔަ ނަމަވެސް ރާއްޖޭގެ ގިނަ ދާއިރާތަކުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ފޯރި ފެންނަނީ ވަރަށް ގަދަކޮށެވެ.ޕީއެންސީގައި ކުރިން ވަރަށް އިސްކޮށް ހަރަކާތްތެރިވި ނަމަވެސް މިހާރު ޕީއެންސީގެ މަސައްކަތާއި މެދު ހިތްހަމަ ނުޖެހިފައި ހުރި މެންބަރަކު "ހޯރަ" އަށް މިއަދު ބުނީ ރައީސް މުއިއްޒުއަށް 28 ހޯދުމަށް މަސައްކަތް ކޮށްދޭނެ މީހުން ހޯރަފުށިން މިހާރު ހޯދަން ޖެހޭނީ އަތްފުނާ އަޅައިގެން ކަމަށެވެ. އެހެން އެކަން ވާން ދިމާވި މައިގަނޑު ސަބަބަކީ މިހާރުގެ ސްޓިއަރިން ކޮމިޓީގެ "އަޑު" އަހަން ޕީއެންސީގެ ދާއިރާ ރައީސް ނުކުޅެދުން ކަމަށާއި ތައުލީމީ ޒުވާން ކުދިން ޕީއެންސީއާއި ދުރަށް ޖެހުނީ މި ދާއިރާގެ ލީޑަރޝިޕްގެ "ބޮޑާ" ކަމުން ކަމަށެވެ."މި ދާއިރާގެ ލީޑަޝިޕްގައި ހަރުދަނާ ކަމެއް ނެތީ. ވިސްނުންތެރިކަންވެސް ނެތީ. އެއަށްވުރެ ބޮޑަށް އަމިއްލަ ކަންކަމުގައި ޝާމިލުވެ، މަސްއޫލުވެގެން އުޅޭތަން ފެންނަނީ. ސަރުކާރުގެ ޕޮލިސީތައް ވިއްކަން ވެސް ނޭގެނީ، މިކަމާއި ދޭތެރޭ ފުންކޮށް ވިސްނަވާ. ވަގުތު ވަރަށް ކުޑަތަންވެއްޖެ. މިހާރު މިތިބި މީހުނަށް ނުވަންޏާ އަވަހަށް އިސްތިއުފާދީފަ، އެ ހަކަތަ ހުރި ޒުވާން ބަޔަކާއި ލީޑަޝިޕް ހަވާލުކުރައްވާ." އޭނާ ބުންޏެވެ.ކޮންގްރެސް ޕާޓީގެ ފަރާތުން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ޕާޓީގެ އެތެރޭގެ މަގާމުތަކަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތު މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ. އަދި މި އިންތިހާބު ނިމިގެންދާއިރު، މުޅި ރާއްޖޭގައި އިންތިހާބީ މަގާމުތަކުގައި 2،500 އަށްވުރެ ގިނަ ބޭފުޅުން ހަރަކާތްތެރިވާނެ ގޮތަށް ރުކުރުވާލެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. "ވަރަށް އުފަލާއެކު އިއުލާންކޮށްން، މުޅި ރާއްޖޭގައި މި އިންތިހާބުގެ ކަންކަން ނިމިގެންދާއިރު 2،500 އަށްވުރެ ގިނަ ބޭފުޅުން އިންތިހާބީ މަގާމުތަކުގައި އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ރުކުރުވާލެވޭނެ. މިއީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއް،" ފިރުޒުލް ވިދާޅުވި އެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ވެސް ވޯޓުލުން ކުރިއަށް ގެންދާއިރު، މި އިންތިހާބުގެ ވޯޓާސް ލިސްޓު މިހާރުވަނީ އާންމުކޮށްފަ އެވެ. މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އެހެންވެ މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި އޮންނަ ޕީއެންސީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް އެކަންޏެވެ.ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ. ދާއިރާގެ ރައީސުން އިންތިހާބުކުރާނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެންބަރުން ނެވެ.ނަމަވެސް ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައި ވިޔަސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ މެންބަރުންނާއި އަދި އެ މެންބަރަކު ކުރަމުންދާ ކަމެއްގެ ސަބަބުން ޕާޓީއަށް ގެއްލުންވާނަމަ އެފަދަ މެންބަރުން ދާއިރާގެ ރައީސްކަމުން ވަކިކުރުމުގެ ބާރު ޕާޓީގެ ލީޑާޝިޕަށް ލިބެ އެވެ.
ޕީއެންސީ އެތެރޭގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު، ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15އިން 18އަށެވެ.