ޚަބަރު
ޕީއެންސީ ހޯރަފުށި ؛ ލީޑާޝިޕް ބަދަލުކުރަން ޖެހިފައި!
އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ސަރުކާރު ހިންގާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެތެރޭގެ އިންތިހާބުގައި ޕީއެންސީގެ ދާއިރާގެ ރައީސުން އިންތިހާބު ކުރަނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންނެވެ.

ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ. ޕީއެންސީ އެތެރޭގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު، ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15އިން 18އަށެވެ.


  • އެންމެ ގޮނޑިއެއް ވެސް ހޯރަފުށިން ސަރުކާރަށް ނުލިބުން

މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހއ. ހޯރަފުށީގެ ހުރިހާ ގޮނޑިއެއް ރައްޔިތުން ދިނީ އިދިކޮޅު އެމްޑީޕީއަށެވެ. މީ ސަރުކާރުގައި އޮތް ޕާޓީއަކަށް ހޯރަފުށިން ފަހުގެ ތާރިޙެއްގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. ހޯރަފުށިން ކުރިން ދެއްކި ސިޔާސީ ހަގީގަތަކީ ކައުންސިލް އަބަދުވެސް ދެނީ އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީ އަށެވެ. ނަމަވެސް މިފަހަރު ކަން ވެ ނިމުނީ މުޅިން ތަފާތު ކޮށެވެ. ރައްޔިތުން ކައުންސިލްގެ ހުރިހާ ގޮޑިއެއް ދިނީ އިދިކޮޅަށެވެ. 

ސަބަބުތަކުގެ ތެރޭގައި:

  • ސަރުކާރު ފަޅިން މަޖިލިސް މެންބަރު ހޮވިގެން ތަރައްގީގެ އަޑު މަޑުވުން
  • އުމްރާނީ ތަރައްގީގެ މަސައްކަތުގައި ހޯރަފުށި ވަރަށް ބޮޑަށް މަޑުޖެހުން
  • ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވުން
  • ކުރިން ދާއިރާގެ ތަރައްގީގައި "ސަރުކާރު އެމްޕީ" ދެއްކި ހިއްވަރާ ފަންވަރު މިހާރު ނުފެނުން
  • ސަރުކާރު ލެންސުން ހޯރަފުށި ދާއިރާގެ ތަރައްގީ "ކައްސާލު" ން
  • ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވުން
  • ގިނަ ބަޔަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ކުއްލިއަކަށް ވަކިކުރުން
  • މަޖިލިސް އިންތިހާބަށް ސަރުކާރުގެ ވެރިން އައިސް ދެއްކި ދަޅަތައް ހަގީގަތަކަށް ނުވުން
  • ޒުވާނުންގެ އާބާދީ ބޮޑު ހޯރަފުށީގައި ވަޒީފާ ލިބެން ނެތުން

ހޯރަފުށން ސަރުކާރު "ބޮޑުކޮށް ބަލިވުމުގެ" ސިޔާސީ ހަގީގަތަށް ވާސިލުވުމަށް ކުރެވޭ ބަހުސްގައި އެންމެ ގަދަޔަށް ދެން ދެކެވޭ އެއް ވާހަކައަކީ ކައުންސިލް އިންތިހާބު ސަރުކާރަށް ގެއްލުނީ އެ އިންތިހާބު ލީޑް ކުރަން ހޯރަފުށީގައި ހަރަކާތްތެރިވި ޓީމްގެ "ފެއިލް" ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެއީ ތެދެއްނަމަ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި ޕީއެންސީ ހޯރަފުށި ؛ ލީޑާޝިޕަށް ބަދަލުތަކެއް އަންނަން ޖެހެ އެވެ. ގޮތް ނިންމާނީ ޕީއެންސީގެ މެންބަރުން ނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު