
ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަކީ އިހުލާޞްތެރި، ތެދުވެރި ބަޔަކަށް ވުމެވެ. ރައްޔިތުންގެ މާޔޫސް ކަމުގައި ކޮޅުފައިން ނުޖަހާ ބަޔަކަށް ވުމެވެ. ރައްޔިތުންގެ އަޑު އަހާ ބަޔަކަށް ވުމެވެ. ދީނަށް ލޯބި ކުރާ އެކަން އަމަލުން ދައްކާ ބަޔަކަށް ވުމެވެ.މިކަންކަން ފުރި ހަމަކޮށް ވޯޓު ހޯދަން އަންނަ އިރު އެންމެ ފުރަތަމަ ކަމަކަށް "ދޮގު ނުހެދުމަށް" ރައްޔިތުން އެދެ އެވެ. އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ނުކުރެވޭނެ ކަންކަމުގެ ވައުދުވުމުގެ ބަދަލުގައި، އިހްލާސްތެރިކަމާއެކު ވީ ވައުދުތައް ފުއްދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.ރައްޔިތުންގެ ހާލަތު ގާތުން ބަލައި، އެމީހުންގެ އިހުސާސްތައް ދެނެގަތުމަކީ ހާދިމުންގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ސިފަ އެވެ. މީގެ އިތުރުން، ދައުލަތުގެ މުދަލާއި ފައިސާއަށް އަމާނާތްތެރިވެ، "ވައްކަން" ނުކުރުމާއި، އިންތިހާބުތަކުގައި "ރިޝްވަތު"ނުދިނުމަކީ އިސްލާމީ ރީތި އުސޫލުތަކުގެ ތެރެއިން ހިފަހައްޓަންޖެހޭނެ ކަންކަމެވެ. މަގާމުގެ ދަހިވެތިކަމުގައި ނުވަތަ މުއްސަނދިކަމުގެ "ދަހިވެތިކަމުގައި" ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.ހޯރަފުށީ ދާއިރާގެ ރައްޔިތުން ބޭނުންވަނީ "ބޮޑާ ނުވާ"، މަޑުމައިތިރި ހާދިމުންނެވެ. ރައްޔިތުންނާއި ބައްދަލުކުރާއިރު ރީތި ބަހުން މުއާމަލާތް ކުރުމާއި ކޮންމެ މީހަކީވެސް "ގަދަރުވެރި" އިންސާނެއްކަން ގަބޫލުކޮށް އިހްތިރާމާއެކު މުއާމަލާތް ކުރުމަކީ ސިޔާސީ ބޭފުޅުންގެ ކިބައިން މިއަދު ރައްޔިތުން އުންމީދުކުރާ އެންމެ މަތީ ސިފަތަކެވެ.