ޚަބަރު
އަދީބު ހުރީ މި ރާއްޖެއަށް ޓަކައި ހުރިހާ ކަމެއް ހާމަ ކުރަން: އަހުމަދު ހަލީމް
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް -- ފޮޓޯ މަޖިލިސް
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައަށް އިއުތިރާފުވެ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި އަދީބު ހުރީ މި ރާއްޖެއަށް ޓަކައި ހުރިހާ ކަމެއް ހާމަ ކުރަން ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެ އެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ އެމްއެމްޕީއާރުސީ ވައްކަމުގެ މައްސަލަތައް ނުބެލޭ ކަމަށް ބަޔަކު ކިޔަމުން ދިޔަ ނަމަވެސް މި ސަރުކާރުން އެމައްސަލަ ބަލައި ކާމިޔާބު ކޮށްފި ކަމަށެވެ.

"މިއަދު އަދީބު އެ ކުރައްވާ ކަމަކީ ގައުމީ މަސައްކަތެއް. އަދީބު ގޭގައި ބަހައްޓައިގެން އަދީބަށް ބޭސްފަރުވާ ދީގެން ވެސް އަދީބުގެ ފުރާނަ ސަލާމަތް ކޮށްގެން އަދީބުގެ ފަރާތުން ހުރިހާ މައުލޫމާތެއް ހޯދަން ޖެހޭ. އެމަނިކުފާނު ހުރީ މި ރާއްޖެއަށް ޓަކައި އެ ހުރިހާ ކަމެއް ހާމަ ކުރަން." ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުންނާއި އަދީބުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ބައިވެރިން ހޯދައި އެ ބައިވެރިންނަށް ވެސް ދައުވާ އުފުލި އަދަބު ދެވިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާފައިވާ ކަމަށާއި ކުރީގެ ނައިބު ރައީސްވެސް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށެވެ.

މިއަދުގެ ބަހުސްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުވާކޮށް، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާކަމަށް އެމްޑީޕީގެ ފަރާތުން ބަހުސްގައި ބައިވެރިވި ގިނަ މެންބަރުން ވަނީ ސިފަކޮށްފަ އެވެ.

ސިއްހީ ސަބަބުތަކަކަށްޓަކައި ގޭބަންދުގައި ވަގުތީ ގޮތުން މިވަގުތު ހުންނެވި އަދީބު ވަނީ ލައިވްކުރި ޝަރީއަތުގެ މަޖިލީހުގައި، ޚިޔާނާތް ހިންގެވި ގޮތާއި އެ ފައިސާ ދައުރުވި ގޮތް ކިޔައި ދެއްވައިފަ އެވެ. ޝަރީއތުގައި އިއްޔެ ނަންތައް އާއްމު ނުކުރެއްވި ނަމަވެސް ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށް އަދީބު ވިދާޅުވި އެވެ. މީގެ އިތުރުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވި ކަމަށް ކުރާ ތުހުމަތަށް އެއްބަސްވެވަޑައިގަތެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން ދެ މިލިއަނުން ޖޫރިމަނާކޮށް އޭނާ 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އަދީބުގެ މައްޗަށް 150 އަށް ވުރެ ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން އަދީބާ އެކު ހެދި އެއްބަސްވުމުން ރައްޔިތުންނަށް އޮތް ފައިދާއަކީ ކޮބައިތޯ ގާނޫނީ ބޭފުޅުން ދަނީ ސުވާލު އުފައްދަވަމުންނެވެ. މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް (ފަސް ބިލިއަން ރުފިޔާ އިން) އަދީބު ޖޫރިމަނާ ކުރެވެން އޮއްވައި ދެ މިލިއަނުން ޖޫރިމަނާ ކުރި ސަބަބާ މެދު ވެސް ޤާނޫނީ ގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އަންނަނީ ބުނަމުން ނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު