މުހައްމަދު ޒަޔާން
05 ޑިސެމްބަރ 2020 - 18:05
0 comments
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯ އަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވާ 5 މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، މި 5 ދިވެހިންގެ ބަންދާމެދު ގޮތެއް ނިންމަން މިމަހުގެ ހަތަރުވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައި ވާކަމަށެވެ. މިމީހުންނާއެކު ފުލުހުން ވަނީ އެއް ކިލޯއަށް ވުރެ ގިނަ ކެނެބިސް އާއީ 108 ގުރާމު އެމްޑީއެމް އަދި 7 ގުރާމު ހެރޮއިން އަތުލައިގަނެފަ އެވެ.ކޯޓުގެ މި ނިންމުމާ ގުޅިގެން ފުލުހުން ވަނީ މި ފަސް މީހުން ހައްޔަރުކުރި އޮޕަރޭޝަންގެ ތަފްސީލު ވެސް ހާމަ ކުރައްވާފަ އެވެ.ފުލުހުން ވިދާޅުވީ، 2020 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ ނުވަގަޑި 38 ހާއިރު ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ވައިފިނިގޭ ހަވަނަ ބުރި ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭސްކަމަށް ޝައްކުކުރެވޭ ބޭސްތަކެއްގެ އިތުރުން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅިއަކާއި ގިނަ އަދަދެއްގެ ފައިސާއާއެކު، 7 ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް އެރޭ ގެނެވުނު ކަމަށެވެ.