
ރައީސް ޔާމީންގެ ވެރިކަމުގައި ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ސިޔާސީ ހަމަނުޖެހުންތައް އިންތިހާއަށް ފެންމަތިވެގެންދިޔައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅުން ހައްޔަރު ކުރުމުގެ އަމުރުތަކެއް އޭރު ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ.އޭގެ ތެރޭގައި ފާރިސް މައުމޫން ހައްޔަރު ކުރުމާއި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުތަކެއް ނެރެފައިވެ އެވެ. އޭރު ފާރިސް މައުމޫނަކީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.ފާރިސްގެ ފަރާތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ 30 ޖުލައި 2017 ގައެވެ. ފާރިސް ވަނީ އިސްތިއުނާފުގައި 11 ނުކުތާއެއް ފާހަގަކޮށްފައެވެ. މި މައްސަލައިގައި މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކަމަށް ކަނޑައަޅާފައިވާއިރު، އެގޮތަށް ހުކުމް ކުރީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް ބެއްލެވި މި މައްސަލާގައި ދަށު ކޯޓްގެ އަމުރު ބާތިލު ކަމަަށް ނިންމި ވަރަށް ގިނަ ސަބަބުތައް ބަޔާންކޮށްފައިވެއެވެ.