ޚަބަރު
އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން ފާރިސް ނިންމަވައިފި
ފާރިސް މައުމޫން: ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި 2،979 ވޯޓު-- ފޮޓޯ/ އެމްއާރްއެމް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން، ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ފާރިސް މައުމޫން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ނިންމުން އިއުލާނު ކުރެއްވުމަށް ފަހު ފާރިސް ވިދާޅުވީ، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމުގެ މާނަ އަކީ މުޅިން ފުރިހަމަ މެނިފެސްޓޯއެއް އެއްވެސް ކެންޑިޑޭޓަކަށް ނުދެއްކުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ލިބުނު ވޯޓުގެ އަދަދަށް ބަލާއިރު ވެސް އެގޮތުން މާ ތާއީދު ބޮޑު ބައެއް ކަމަކަށް އަޅުގަނޑުމެން ވެސް ނުދެކެން،" ފުރަތަމަ ބުރުގައި އެއް ޕަސެންޓު ލިބުނު ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، އޭނާ ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުން، އޭނާއަށް ވޯޓު ދިން ބަޔަކު އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

މި މަހުގެ ނުވައެއްގައި އޮތް ފުރަތަމަ ބުރުގައި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު 46 ޕަސެންޓް ވޯޓު ކާމިޔާބު ކުރެއްވި އިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.

އެ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ފާރިސްއެވެ. އެއީ 2،979 ވޯޓެވެ.

އެ އިންތިޚާބުން 5460 ވޯޓާއެކު ފަސް ވަނަ ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވެސް މީގެ ކުރިން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު