
މައުމޫން ވެކްސިން ޖެއްސެވީ މިއަދު މެންދުރު ވަގުތުގައި ސެނެހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވެ. ރައީސް މައުމޫންއާ އެކު އަނބިކަނބަލުން ނަސްރީނާ ވެސް ވަނީ މިއަދު ވެކްސިން ޖައްސަވައިފަ އެވެ.މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓްވެސް ކުރެއްވި އެވެ. އެހެން ނަމަވެސް އެފަހަރު އެ ބަލީގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ވެފައެއް ނުވެއެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެގޮތުން މިހާތަނަށް 16،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.މީގެއިތުރުން ޗައިނާ ސަރުކާރުން ވެސް ވަނީ 100،000 ޑޯޒުގެ ވެކްސިން ރާއްޖެ އަށް ހަދިޔާކުރުމަށް ނިންމާފައެވެ.