ޚަބަރު
ޕީޕީއެމް މީހެއްގެ ކެނޑިޑެސީ ބާތިލުކުރީ ރަނގަޅަށް ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި މައްސަލައަކީ ޕީޕީއެމްގެ ފަރާތުން ތ.ކަނޑޫދޫ ކައުންސިލުގެ ރައީސްގެ މަޤާމަށް ވާދަކުރާ ޙަސަން މޫސާގެ ކެނޑިޑޭސީ ބާޠިލުކޮށް، އެ ގޮނޑި އެ މަޤާމަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް އިންތިޚާބަކާ ނުލައި ދިނުމަށް ނިންމި ނިންމުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. ޙަސަން މޫސާގެ ކެނޑިޑޭސީ ބާޠިލުކުރީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކަމުން ނާންނަ ކަމުގައި ބުނެއެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި، އިންތިހާބަށް ކުރިމަތިލާތާ 48 ގަޑިއިރު ތެރޭ އެ މީހާގެ ކެންޑިޑެސީ ބަލައިގަތުމާ މެދު އީސީއިން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާކަން ފާހަގަކޮށްފައިވެ އެވެ.

އަދި ހަސަން މޫސާގެ ފަރާތުން އިންތިހާބަށް ކުރިމަތިލާން ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މުއްދަތުގެ ތެރޭގައި އޭނާގެ ކެންޑިޑެސީ ބަލައިގެންފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ކެންޑިޑެސީ ބާތިލު ކުރީ ފަހުން ލިބުނު މައުލޫމާތެއްގެ މައްޗަށްކަން ފާހަގަކޮށްފައިވެ އެވެ.

އިންތިހާބަށް ކުރިމަތިލާން ހުށަހަޅާތާ 48 ގަޑިއިރުގެ މުއްދަތުގައި ކެންޑިޑެސީ ބަލައިގަންނަ ފަހުން އީސީއަށް ކެންޑިޑެސީ ބާތިލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލައެއްގައި ކަނޑައަޅާފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަ ކުރައްވައި، ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަސަންގެ ކެންޑިޑެސީ ބާތިލްކޮށް، އިލެކްޝަންސް ކޮމިޝަނުން އޭނާއަށް އެންގީ ގާނޫނާ ޚިލާފަށް އެންގުން ބާތިލްކުރާ ކަމަށެވެ. އަދި އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ސުޕްރީމް ކޯޓުން ނުނިންމާހާ ހިނދަކު، ކެންޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނި ނުކުރަން އިލެކްޝަންސް ކޮމިޝަނަށް އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު